ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކޮމިޓީ މަރުހަލާގައި އެންމެ މަތީ މާކްސް ލިބުނު ނަމަވެސް، އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް މަހާޒު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. އޭނާ އާއި ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.
ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީ މެއި 14، ގަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން އެ ދުވަހު ވަކިކުރި އެވެ.
މި ތަހުގީގާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށް ފާހަގަކުރައްވާފައެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސްކުރުމާ ގުޅިގެން ފިލްޒާ ދެއްވި ގާނޫނީ ލަފާގައި، ތަހުގީގުގައި ހުރި ގާނޫނާ ޚިލާފު ކަންކަން ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ދެ ފަނޑިޔާރުން ވަކިކުރުމުގައި އެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދެވިފައެއް ނުވެ އެވެ. ޖޭއެސްސީން ބުނެފައިވަނީ، ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. ފަނޑިޔާރުން ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް ވެސް އެދިވަޑައިގެންފައެވެ.