ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 02:20
އިންގްލެންޑާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން
އިންގްލެންޑާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް
 
އިންގްލެންޑް އަތުން ނިއު ޒީލެންޑް މޮޅުވީ ފަސް ވިކެޓުން
 
ދެވަނަ ސެމީގައި ބައްދަލުކުރާނީ ޕާކިސްތާނާއި އޮސްޓްރޭލިއާ

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލް ފުރަތަމަ މެޗުން އިންގްލެންޑް ކަޓުވާލުމަށްފަހު ފައިނަލުގެ ޖާގައެއް ނިއު ޒީލެންޑުން ހޯދައިފިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ނިއު ޒީލެންޑް މޮޅުވީ ފަސް ވިކެޓުންނެވެ. އެއާއެކު މި މުބާރާތުގެ ފައިނަލަށް ނިއު ޒީލެންޑް ދަތުރުކުރިއިރު، މިއީ ޓީ20 ވޯލްޑް ކަޕުގެ ފައިނަލަށް ނިއު ޒީލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ސެމީއަށް އިންގްލެންޑް ދަތުރުކޮށްފައިވަނީ ގްރޫޕް އެކެއްގެ އެއްވަނަ ހޯދައިގެންނެވެ. އަދި ސެމީގެ ޖާގައެއް ނިއު ޒީލެންޑުން ހޯދީ ގްރޫޕް ދޭއްގެ ދެވަނަ ކަށަވަރުކޮށްގެންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު އިންގްލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 37 ބޯޅައިން 51 ލަނޑު ހެދި މޮއީން އަލީ އާއި 30 ބޯޅައިން 41 ލަނޑު ހަމަކުރި ޑޭވިޑް މަލަންއެވެ.

ޖަވާބުގައި ނިއު ޒީލެންޑް ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 167 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 47 ބޯޅައިން 72 ލަނޑު ހެދި ޑެރީލް މިޗެލް އާއި 38 ބޯޅައިން 46 ލަނޑު ހަމަކުރި ޑެވޮން ކޮންވޭއެވެ.

މި މޮޅާއެކު ފައިނަލަށް ނިއު ޒީލެންޑް ދަތުރުކުރިއިރު، ފައިނަލުގައި ނިއު ޒީލެންޑާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެރޭ ޕާކިސްތާނާއި އޮސްޓްރޭލިއާ ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް