ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 12:32
ނެމިބިއާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ނެމިބިއާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް
 
ނެމިބިއާ އަތުން އިންޑިއާ މޮޅުވީ ނުވަ ވިކެޓުން
 
މެޗާ ކުރިމަތިލިއިރުވެސް އިންޑިއާ ވަނީ ކަޓާފައި

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ކުޅުނު ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާ މޮޅުވެއްޖެއެވެ.

މި މެޗާ ކުރިމަތިލިއިރުވެސް އިންޑިއާ ވަނީ މުބާރާތުން ކަޓާފައެވެ. މި މުބާރާތުގެ ގްރޫޕް ދޭއްގައި އިންޑިއާ ހިމެނުނުއިރު، ހަ ޕޮއިންޓާއެކު އިންޑިއާއަށް ލިބުނީ ތިންވަނައެވެ. މި ގްރޫޕުން ޕާކިސްތާނާއި ނިއު ޒީލެންޑް ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެއްވަނައިގައި ޕާކިސްތާން އޮތީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނިއު ޒީލެންޑަށް ވަނީ އަށް ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން އިންޑިއާ މޮޅުވީ ނުވަ ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ނެމިބިއާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 132 ލަނޑެވެ. ޖަވާބުގައި އިންޑިއާ ކުޅެން އަރައި، 15.2 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 136 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުން އިންޑިއާ ކެޓިއިރު، މި މުބާރާތަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ރަވީ ޝާސްތުރީ ވަކިވާނެއެވެ. އަދި މި މުބާރާތަށްފަހު އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ދޫކޮށްލަން މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ ވަނީ ނިންމާފައެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު އިންޑިއާގެ ކޯޗު ޝާސްތުރީ ބުނީ މި ފަހަރުގެ މުބާރާތާ ކުރިމަތިލިއިރު ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވެފައި ކަމަށެވެ. އެގޮތުން ބަބަލްއެއްގައި ހަ މަސް ދުވަސް ވަންދެން ކުޅުންތެރިން ތިބިކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދާދި ފަހުން ނިމުނު މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އާއި ވޯލްޑް ކަޕާ ދެމެދު އިތުރު ދުވަސްކޮޅެއް ލިބުނު ނަމަ ތަންކޮޅެއް ރަނގަޅުވާނެ ކަމަށް ޝާސްތުރީ ބުންޏެވެ.

މި މުބާރާތަށްފަހު ޝާސްތުރީ އިންޑިއާ ޓީމުން ވަކިވާއިރު، އެ ގައުމުގެ ކޯޗުކަމާ ދެން ހަވާލުވާނީ އިންޑިއާގެ ކުރީގެ ކެޕްޓަން ރާހުލް ޑްރާވިޑެވެ.

މި އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ހޯމަ ދުވަހުގެރޭ ނިމިގެންދިޔައިރު، ސެމީގެ މެޗުތައް ފަށާނީ ބުދަ ދުވަހުގެރެއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ އިންގްލެންޑާއި ނިއު ޒީލެންޑެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ ޕާކިސްތާނާއި އޮސްޓްރޭލިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް