ކ. މާލެ
|
12 ނޮވެންބަރ 2021 | ހުކުރު 03:44
ޕާކިސްތާނާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ޕާކިސްތާނާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް
 
ޕާކިސްތާން އަތުން އޮސްޓްރޭލިއާ މޮޅުވީ ފަސް ވިކެޓުން
 
ފައިނަލުގައި އޮސްޓްރޭލިއާ ވާދަކުރަން ޖެހޭނީ ނިއު ޒީލެންޑާ

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލް ދެވަނަ މެޗުން ޕާކިސްތާން ކަޓުވާލުމަށްފަހު ފައިނަލުގެ ފަހު ޖާގަ އޮސްޓްރޭލިއާއިން ހޯދައިފިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ ފަސް ވިކެޓުންނެވެ. އެއާއެކު މި މުބާރާތުގެ ފައިނަލަށް އޮސްޓްރޭލިއާ ދަތުރުކުރިއިރު، އެ ގައުމަށް އަދި މިހާތަނަށް ޓީ20 ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެއެވެ. އަދި އޮސްޓްރޭލިއާއިން މި މުބާރާތުގެ ފައިނަލުގައި އެންމެ ފަހުން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލުން އޮސްޓްރޭލިއާ ބަލިވީ އިންޑިއާ އަތުންނެވެ.

މި މުބާރާތުގެ ސެމީއަށް ޕާކިސްތާން ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެ ގްރޫޕް ދޭއްގެ އެއްވަނަ ކަށަވަރުކޮށްގެންނެވެ. އަދި ސެމީގެ ޖާގައެއް އޮސްޓްރޭލިއާން ހޯދީ ގްރޫޕް އެކެއްގެ ދެވަނަ ހޯދައިގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ޕާކިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 52 ބޯޅައިން 67 ލަނޑު ހެދި މުޙައްމަދު ރިޒްވާނާއި ނުބައިނުވެ 32 ބޯޅައިން 55 ލަނޑު ހަމަކުރި ފަޚަރު ޒަމާނެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 177 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 30 ބޯޅައިން 49 ލަނޑު ހެދި ޑޭވިޑް ވާނާ އާއި ނުބައިނުވެ އެންމެ 17 ބޯޅައިން 41 ލަނޑު ހަމަކުރި މެތިއު ވޭޑެވެ.

މި މޮޅާއެކު ފައިނަލަށް އޮސްޓްރޭލިއާ ދަތުރުކުރިއިރު، ފައިނަލުގައި އެ ގައުމަށް ދެކޮޅަށް ނުކުންނާނީ ނިއު ޒީލެންޑެވެ. ނިއު ޒީލެންޑް ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީގައި ފަސް ވިކެޓުން އިންގްލެންޑް ބަލިކުރުމަށްފަހުއެވެ. އެއާއެކު މިއީ މިއީ ޓީ20 ވޯލްޑް ކަޕުގެ ފައިނަލުގައި ނިއު ޒީލެންޑް ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް