ކ. މާލެ
|
6 ނޮވެންބަރ 2021 | ހޮނިހިރު 09:56
ސްކޮޓްލެންޑާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ސްކޮޓްލެންޑާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
އިންޑިއާ އާއި ނިއު ޒީލެންޑް ސެމީގެ އުއްމީދުގައި
 
އިންޑިއާ މޮޅުވީ ސްކޮޓްލެންޑް އަތުން އަށް ވިކެޓުން
 
ނިއު ޒީލެންޑް މޮޅުވީ ނެމިބިއާ އަތުން 52 ލަނޑުން

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ އިންޑިއާ އާއި ނިއު ޒީލެންޑުން ސެމީފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން އިންޑިއާ ބަލިވިއެވެ. އެއާއެކު އެ ގައުމަށް ޕްރެޝަރު ކުރިމަތިވި ނަމަވެސް، ތިންވަނަ މެޗުގައި ވަނީ އަފްޣާނިސްތާން އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ.

އަދި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން އިންޑިއާ މޮޅުވީ ސްކޮޓްލެންޑް އަތުން އަށް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ސްކޮޓްލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި، 17.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 24 ލަނޑު ހެދި ޖޯޖް މަންސީ އާއި 12 ބޯޅައިން 21 ލަނޑު ހަމަކުރި މައިކަލް ލީސްކެވެ.

ޖަވާބުގައި އިންޑިއާ ކުޅެން އަރައި، 6.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 89 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 50 ލަނޑު ހެދި ރާހުލް އާއި 16 ބޯޅައިން 30 ލަނޑު ހަމަކުރި ރޯހިތު ޝަރްމާއެވެ.

ނިއު ޒީލެންޑާއި ނެމިބިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން އިންޑިއާ މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ ނިއު ޒީލެންޑުން ސެމީގެ އުއްމީދު ދެމެހެއްޓީ ހުކުރު ދުވަހު ކުޅުނު މެޗުން ނެމިބިއާ އަތުން 52 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ނެމިބިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ނިއު ޒީލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 163 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ބޯޅައިން 39 ލަނޑު ހެދި ގްލެން ފިލިޕްސް އާއި ނުބައިނުވެ 23 ބޯޅައިން 35 ލަނޑު ހަމަކުރި ޖޭމްސް ނީޝަމެވެ.

ޖަވާބުގައި ނެމިބިއާ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 25 ލަނޑު ހެދި މައިކަލް ވެން ލިންގެން އާއި 27 ބޯޅައިން 23 ލަނޑު ހަމަކުރި ޒޭން ގްރީނެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ދޭއްގެ ދެވަނައިގައި ނިއު ޒީލެންޑް އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް އިންޑިއާ އާއި ހަތަރުވަނައިގައި އޮތް އަފްޣާނިސްތާނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓާއެކު ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޕާކިސްތާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް