ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 07:32
ލަންކާ އާއި ވެސްޓް އިންޑީޒް ބައްދަލުކުރި މެޗުގެ ތެރެއިން
ލަންކާ އާއި ވެސްޓް އިންޑީޒް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޓީ20 ވޯލްޑް ކަޕް
ޗެމްޕިއަން ވެސްޓް އިންޑީޒް ކެޓިއިރު، އޮސްޓްރޭލިއާއަށް އުއްމީދެއް
 
ލަންކާ އަތުން ވެސްޓް އިންޑީޒް ބަލިވީ 20 ލަނޑުން
 
ބަންގްލަދޭޝް އަތުން އޮސްޓްރޭލިއާ މޮޅުވީ އަށް ވިކެޓުން

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ސްރީ ލަންކާ އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް ކެޓިއިރު، ބަންގްލަދޭޝް ބަލިކޮށް އޮސްޓްރޭލިއާއިން ސެމީފައިނަލުގެ އުއްމީދު އާކޮށްފިއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ލަންކާ އަތުން ވެސްޓް އިންޑީޒް ބަލިވީ 20 ލަނޑުންނެވެ. މި މެޗުން ބަލިވެ ވެސްޓް އިންޑީޒް ކެޓިއިރު، މެޗުން މޮޅުވި ލަންކާވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ވެސްޓް އިންޑީޒްއިން ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 189 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 68 ލަނޑު ހެދި ޗަރިތު އަސަލަންކާ އާއި 41 ބޯޅައިން 51 ލަނޑު ހަމަކުރި ޕަތޫމް ނިސަންކާއެވެ.

ޖަވާބުގައި ވެސްޓް އިންޑީޒް ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 169 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 54 ބޯޅައިން 81 ލަނޑު ހެދި ޝިމްރޮން ހިޓްމަޔާ އާއި 34 ބޯޅައިން 46 ލަނޑު ހަމަކުރި ނިކޮލަސް ޕޫރަންއެވެ.

ބަންގްލަދޭޝް އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން އޮސްޓްރޭލިއާއިން ސެމީގެ އުއްމީދު އާކުރީ ބުރާސްފަތި ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން އަށް ވިކެޓުން މޮޅުވެގެންނެވެ. މި މެޗުން ބަލިވުމާއެކު، އެންމެ މެޗަކުންވެސް މޮޅެއް ނުލިބި އޮތް ބަންގްލަދޭޝްވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ބުރާސްފަތި ދުވަހު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ބަންގްލަދޭޝް އެންމެ ފުރަތަމަ ކުޅެން އަރައި، 15 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 73 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ އެޑަމް ޒަމްޕާ ވަނީ ފަސް ވިކެޓު ނަގާފައެވެ. އަދި މި ބައިގައި ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 19 ލަނޑު ހެދި ޝަމީމް ހޮސައިނެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 6.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 78 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ބޯޅައިން 40 ލަނޑު ހެދި އާރޮން ފިންޗާއި 14 ބޯޅައިން 18 ލަނޑު ހަމަކުރި ޑޭވިޑް ވޯނާއެވެ.

މި މޮޅާއެކު ގްރޫޕް އެކެއްގެ ދެވަނައަށް އޮސްޓްރޭލިއާ ޖެހިލިއިރު، އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ދެކުނު އެފްރިކާއަށްވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓާއެކު ސެމީގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ އިންގްލެންޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް