ވެކްސިނާއި ދެކޮޅަށް ސެއިންޓް ވިންސެޓްގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އެގައުމުގެ ބޮޑުވަޒީރު ރަލްފް ގޮންސެލްވޭޒް ޒަޚަމްކޮށްލައިފިއެވެ.
ބޮޑުވަޒީރު ޒަޚަމްވީ، މުޒާހަރާގެ ބައިވެރިޔަކު އެއްލި ގަލަކުން ބޮލުގައި ޖެހިގެންނެވެ. މުޒާހަރާގައި އިސްކޮށް އުޅުނީ ނަރުހުންނާއި އަދިވެސް އިތުރު މަސައްކަތްތެރިންނެވެ.
ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން 200 މީހުން ހިމެނޭ މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ އެގައުމުގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަޖިލިސް ކުރާ ގެއަށް ވަދެވޭނެ ދޮރުތައް ބަންދުކޮށްފައެވެ. ބޮޑުވަޒީރު ޒަޚަމްވީ ކާރުން ފައިބައިގެން މަޖިލިސް ކުރާ ގެއަށް ވަންނަވަން މަސައްކަތް ކުރައްވަނިކޮށެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބޮލަށް ލިބުނު ޒަޚަމްތަކާއި ގުޅިގެން ވަރަށް ގިނައިން ލޭ ފޭބި ކަމަށެވެ. ރަލްފް ގޮންސެލްވޭޒް އިތުރު ފަރުވާ ހޯއްދެއްވުމަށްޓަކައި ބާބެޑޮސް އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމްއާރްއައި ސްކޭނެއް ވެސް ހައްދަވާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން މި އަމަލު ހިންގި އަންހެން މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު އެމީހާ އާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މުޒާހަރާ އިންތިޒާމު ކޮށްފައިވަނީ ނަރުހުންނާއި ފުލުހުންގެ އިތުރުން އެހެން މަސައްކަތްތެރިން ގުޅިގެންނެވެ. މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ، ހުރިހާ އެންމެންވެސް ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. އެހެންނަމަވެސް ބޮޑުވަޒީރު ރަލްފް ވިދާޅުވީ ގައުމުގެ ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.