ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 17:13
ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ނުލިބި ޒަމާންތަކެއް ދިޔަ
ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ނުލިބި ޒަމާންތަކެއް ދިޔަ
ރޮއިޓާސް
ޣައްޒާއަށް ވެކްސިން
މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި
މި ޝިޕްމެންޓުގައި އެތައް ހާސް ޑޯޒެއް ހިމެނޭކަމަށް، ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނޭ

ޕޯލިއޯއާއި މީސްލްސް ހިމެނޭގޮތަށް ބަލިތަކުން ދިފާއުވުމަށް ކުޑަކުދިންނަށް ދޭ ވެކްސިން މިސްރުން ޣައްޒާއަށް ފޮނުވައިފިއެވެ.

މިސްރުން ފޮނުވި މި ޝިޕްމެންޓުގައި އެތައް ހާސް ޑޯޒެއް ހިމެނޭކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ. 

އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އާންމު ސިއްހީ ޚިދުމަތް ދިނުން ވަނީ ހުއްޓިފައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ދޭ ވެކްސިންވެސް ހިމެނެއެވެ.

މިހާރު 8 މަހާ 14 މަހާ ދެމެދުގެ މުއްދަތަކަށް ވެކްސިން ދިނުމަށް ފުދޭވަރަށް ވެކްސިން ޑޯޒް ޣައްޒާއަށް އެތެރެކޮށްފައި ވާކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ. 

ވެކްސިންތައް ޣައްޒާއަށް ގެނެސްފައިވަނީ މިސްރާއި ޣައްޒާ ގުޅޭ ރަފަހް ބޯޑަރު ހުރަސްކޮށް، މިސްރު ސަރުކާރު އެހީގައި ފިނިކޮށްގެނެވެ.

ބަލިތައް ފެތުރުން ކޮންޓްރޯލު ކުރުމަށް ޣައްޒާއަށް ވެކްސިން ވެއްދުމަށް ހުއްދަދޭނެކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ސިއްހީ ވުޒާރާގެ އޮފިޝަލެއްކަމަށްވާ ޔާސިރު ބައުޒިއާ ވިދާޅުވީ، ޣައްޒާގައި އަލަށް ވެކްސިން ދޭންޖެހޭ ކުދިންގެ އަދަދު 60،000ށް އަރާކަމަށް ލަފާކުރެއްވޭ ކަމަށާއި, އެއީ އާންމުކޮށް ވެކްސިން ޖަހާ ކުދިން ނަމަވެސް ޣައްޒާގެ މިހާރުގެ ހާލަތު އޮތްގޮތުން އެ ކުދިންނަށް ވެކްސިން ދިނުން ވަނީ ހުއްޓިފައިކަމަށެވެ.

އޭނާ ވިދާޅުވީ އެ ވެކްސިންތައް ކުޑަކުދިންނަށް ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި، ސަބަބަކީ ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް އެ މީހުންގެ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައިވުމެވެ. 

ޣައްޒާގެ އެތައް ހާސް ބަޔަކު އަންނަނީ ވަގުތީ ހިޔާތަކުގައާއި އެ ނޫންވެސް ތަންތަނުގައި ދިރިއުޅެމުންނެވެ.

ރުބެއްލާ، ޕޯލިއޯ، މީސްލްސް އަދި މަމްޕްސް ފަދަ ބަލިތަކާ ދެކޮޅަށް ވެކްސިން ދޭކަމަށާއި، ބައެއް ވެކްސިންތައް އދ.ގެ ކުޑަކުދިންގެ ފަންޑު ޔުނިސެފުންވެސް ހަދިޔާކޮށްފައި ވާކަމަށް ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 22,000ށް އަރާފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ޔަހޫދީންގެ ހަމަލަތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި، ޝަހީދުވެފައިވާ އެތަކެއް ހާސް ބަޔެއްގެ ހަށިތައް އަދިވެސް ތާށިވެފައިވާކަމުގައި ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް