ވެކްސިނާ ގުޅުންހުރި ނުރަނގަޅު ހުރިހާ މައުލޫމާތެއް ޔޫޓިޔުބަށް ނުލެވޭގޮތް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ޔޫޓިޔުބުން ބުނެފިއެވެ.
އެކަމާއި ގުޅޭގޮތުން ޔޫޓިޔުބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެކްސިނާއި ގުޅޭގޮތުން ފަތުރާ ރަނގަޅު ނޫން މައުލޫމާތު އޭގެތެރޭގައި ވެކްސިން އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި ގުޅޭގޮތުން ފަތުރާ މައުލޫމާތާއި ސިއްހަތަށް ގެއްލުންވާ ކަމަށްބުނެ ފަތުރާ މައުލޫމާތުވެސް ހިމެނޭގޮތުން ޔޫޓިޔުބަށް ނުލެވޭ ގޮތް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން އެކުންފުނިން ވަނީ ވެކްސިނާ ދެކޮޅު އެކްޓިވިސްޓުންނަށް ޔޫޓިޔުބް ބޭނުންކުރުން މަނާކުރާނެކަމަށްވެސް ބުނެފައެވެ.
ޔޫޓިޔުބުން މިގޮތަށް ނިންމާފައިމިވަނީ ސޯޝަލް މީޑިޔާގެ ބޮޑެތި މީޑިޔަމްތަކުން ވެކްސިނާ ދެކޮޅަށް ފަތުރާ ރަނގަޅު ނޫން މައުލޫމާތު ނުހުއްޓުވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.