ކ. މާލެ
|
29 މެއި 2021 | ހޮނިހިރު 15:59
ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް - ސިއްހީ މާހިރުން ބުނާގޮތުގައި މިއީ ފަންގަސް އަކުން ޖެހޭ ބައްޔެއް
ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް - ސިއްހީ މާހިރުން ބުނާގޮތުގައި މިއީ ފަންގަސް އަކުން ޖެހޭ ބައްޔެއް
ރާއްޖެއެމްވީ
ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް
ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް އެނގޭތަ؟
ބައްޔަށް ދެވޭ ހަމައެކަނި ފަރުވާ އަކީ އެންޓިފަންގަލް އިންޖެކްޝަނެއް
މި ބަލި ޖެހުމުން އަރިދަފުސް އައުމާއި ނޭފަތުން ލޭއައުން ކުރިމަތިވޭ
ސިއްހީ މާހިރުން ބުނާގޮތުގައި މިއީ ފަންގަސް އަކުން ޖެހޭ ބައްޔެއް

ކޮވިޑް-19 ގެ ބަލީގެ ދެވަނަ ރާޅާ އިންޑިއާއިން ކުރިމަތިލާން ޖެހުނު އުނދަގޫ ދަނޑިވަޅުގައި ކުއްލި ގޮތަކަށް ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ބަލި ފެންމަތިވުން ވެގެން ދިޔައީ، ކޮވިޑް ބައްޔާ ދެކޮޅަށް އިންޑިއާއިން ކުރަމުން ދިޔަ މަސައްކަތައް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. ވަރުބަލިވެފައިވާ ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ނުތަނަވަސްކަން ކުރިމަތި ކުރުވި ކަމަކަށެވެ.

މިއުކޯމައިކޯސިސް އަކީ ކޮބާ؟

ސިއްހީ މާހިރުން ބުނާގޮތުގައި މިއީ ފަންގަސް އަކުން ޖެހޭ ބައްޔެކެވެ. ބަލި ޖައްސާ ފަންގަސް އަކީ ވަރަށް ގިނަ ތަންތަންތާގައި ހުންނަ ވަރަށް އާއްމު އެއްޗެއް ނަމަވެސް، އިންސާނުންނަށް ނުރައްކާވާ އެއްޗެއްގެ ގޮތުގައި ވެގެން ދަނީ މަދު ފަހަރަކު ކަން ސިއްހީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. އެހެން ކަމުން މިއީ އާއްމު ބައްޔެއްގެ ގޮތުގައި ބެލޭ ބައްޔެއް ނޫނެވެ. ބަލި ޖެހުމަށް މެދުވެރިވާ ފަންގަހަކީ އެތައް ތަނެއްގައި އަށަގަންނަ އެއްޗެކެވެ. ބިމުގަޔާއި، ވައިގެ ތެރޭގައި، ގަސްގަހުގައި އަދި ކުނިވަމުންދާ މޭވާ އާއި ތަރުކާރީގައި އާއްމުކޮށް މިއުކޯމައިކޯސިސް އަށަގަނެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ސިއްހަތު ރަނަގޅު މީހުންގެ ނޭފަތުގެ ތެރޭގައިވެސް މި ފަންގަސް ހުރެދާނެއެވެ. 

ބަލިޖެހުމުން ވަނީ ކިހިނެއް؟

މިއުކޯމައިކޯސިސް ބަލި ޖެހުމުން އަރިދަފުސް އައުމާއި ނޭފަތުން ލޭއައުން ކުރިމަތިވެއެވެ. ނޯއް މަތީގައި ކަޅު ލައްތަކެއް ޖަހާފައި ހުރެއެވެ. ލޯ ދުޅަވުމާއި ލޮލުގައި ރިއްސުމާއި، މޭގައި ރިއްސުމާއި، ނޭވާ ކުރުވުމާއި، ކެއްސާއިރު ލޭ އައުން ކުރިމަތިވެއެވެ. މި ނުރައްކާތެރި ބަލީގެ އަސަރު ބައެއް ފަހަރު ސިކުނޑިއަށްވެސް ކުރެއެވެ. ލޯ ފުސްވުމާއި ބައެއް ފަހަރު ލޮލުގެ ފެނުން ގެއްލުން ކުރިމަތިވެއެވެ. 

އިންޑިއާގެ ޑޮކްޓަރުން ބުނާ ގޮތުގައި މިއުކޯމައިކޯސިސް ބަލީގެ އަސަރު ކޮށްފައިވާ މީހުންނަށް ގިނަ ފަހަރަށް ޑޮކްޓަރުންނާ ހަމައަށް އާދެވެނީ މާ ފަހުނެވެ. ލޮލުގެ ފެނުން އޭރު އޮންނަނީ ގެއްލެން ފަށާފައެވެ. އެހެން ކަމުން ސިކުނޑިއަށް ބަލީގެ އަސަރު ފޯރިޔަ ނުދިނުމަށް ޑޮކްޓަރުންނަށް ޖެހެނީ ބަލިޖެހިފައިވާ ލޯ ނަގާށެވެ. އިންޑިއާ ޑޮކްޓަރުން ބުނަނީ މި ފަންގަސް ލޮލަށް ފެތުރުމުގެ ސަބަބުން ބައެއް ބަލިމީހުންގެ ދެ ލޮލުގެ ފެނުންވެސް ގެއްލިފައިވާ ކަމަށެވެ. އަދި އިތުރަށް ބަލިފެތުރުނަ ނުދިނުމަށް ކަތުރުކަށިގަނޑު އޮޕަރޭޝަން ކޮށް ނަގަންޖެހުނު ކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ. އިންޑިއާގައި އުމުރުން އެންމެ 27 އަހަރުގެ ޒުވާނަކަށް މިއުކޯމައިކޯސިސް ބަލި ޖެހުމުގެ ސަބަބުން އޭނާގެ އެއް ލޯ އޮޕަރޭޝަން ކޮށްގެން ނަގަން ޖެހުނުކަން ޑޮކްޓަރުން ފާހަގަ ކުރެއެވެ.

ބަލީގެ ފަރުވާ

ޑޮކްޓަރުން ބުނާ ގޮތުގައި، ބައްޔަށް ދެވޭ ހަމައެކަނި ފަރުވާ އަކީ އެންޓިފަންގަލް އިންޖެކްޝަނެވެ. މިއީ ކޮންމެ ދުވަހަކު 8 ހަފްތާ ވަންދެން ޖަހަންޖެހޭ އިންޖެކްޝަނެކެވެ.

ޑޮކްޓަރުން ދެކޭ ގޮތުގައި މި ބަލިން ރައްކާތެރިވުމުގައި ކޮވިޑް-19 ޖެހިފައިވާ ދުވަސްވަރު އަދި ބަލި ފަސޭހަވުމުން ފަރުވާ ދިނުމުގައި ސްޓެރޮއިޑް ފަރުވާ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުން މުހިންމެވެ. 

ބަލި ޖެހެނީ ކީއްވެ؟

އިންޑިއާގައި މިއުކޯމައިކޯސިސް ބަލި އެކި ސްޓޭޓްތަކުން ފެނިފައިވެއެވެ. އެކި އުމުރުގެ މީހުންނަށް ބަލި ޖެހިފައިވެއެވެ. 

ބަލީގެ އަސަރު ކުރަނީ ނޭފަތަށާއި، ފުއްޕާމެއެށާއި ސިކުނޑިއަށެވެ. މި ބަލީގައި ފުރާނަ އަށް ނުރައްކާވަނީ ހަކުރު ބައްޔާއި ކެންސަރު ބައްޔާއި އެއިޑްސްބަލި ފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ބަލި ޖެހުމުންނެވެ. މިއުކޯމައިކޯސިސް ބަލިޖެހޭ މީހުންގެ ތެރެއިން ފުރާނަ ސަލަމާތް ކުރެވެނީ 50 އިން ސައްތަ މީހުންނެވެ.

ޑޮކްޓަރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިއުކޯމައިކޯސިސް ފެތުރެން މެދުވެރިވީ ކޮވިޑް-19 ބަލީގައި ހާލު ބޮޑުވާމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ސްޓެރޮއިޑްސް ފަރުވާ ދޭންޖެހުމުގެ ސަބަބުންނެވެ.

ކޮވިޑް-19 ބަލިމީހުންނަށް ސްޓެރޮއިޑްސް ފަރުވާ ދެނީ ފުއްޕާމެއަށް ލިބޭގެއްލުން ރަނގަޅު ކުރުމުގެ ގޮތުންނެވެ. އޭގެ އިތުރުން ކޮވިޑް-19 ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމްގެ ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް ކުއްލިއަކަށް މާ ބޮޑަށް މަސައްކަތް ކުރުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސްޓެރޮއިޑްސް ފަރުވާ ދެއެވެ. ނަމަވެސް ސްޓެރޮއިޑްސްގެ ސަބަބުން ދިފާއީ ނިޒާމް ދަށްވާއިރު ހަކުރު ބަލީގެ މީހުންނާއި އަދި ހަކުރުބަލި ނެތް މީހުންގެ ހަކުރު މައްޗަށް ދެއެވެ. ހަކުރު މައްޗަށް ދިއުމަކީ ދިފާއީ ބާރު ދަށް ކުރާ ކަމެކެވެ. އަނެއް ކޮޅުން ސްޓެރޮއިޑްސްގެ އަކީވެސް ހަށިގަނޑުގެ ދިފާއީ ބާރު ދަށްކުރާ އެއްޗެކެވެ. ގަބޫލު ކުރެވެނީ މިކަންކަމުގެ ސަބަބުން ދިފާއީ ނިޒާމް ދަށަށް ދިއުމުން މިއުކޯމައިކޯސިސް ހަށިގަނޑުގައި ގަދަވެ ގަންނަނީ ކަމުގައެވެ.

ހަކުރު ބަލީގައި އުޅޭ މީހުންނަށާއި ހަކުރުބަލީގައި އެއްގޮތަކަށްވެސް ނޫޅޭ މީހުންނަށް ވެސް އިންޑިއާގައި ބަލި ޖެހިފައިވެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއުކޯމައިކޯސިސް ބަލީގައި ފުރާނަ ގެއްލުމުގެ ފުރުސަތު އޮންނަނީ 54 އިން ސައްތައެވެ. ބަލިން ގަދަވުމުގައި ބަލި މީހާގެ ހާލަތާއި ބަލީގެ އަސަރު ކުރާ ގުނަވަނެއްގެ ގޮތުން ފުރުސަތު އިތުރުވެ ކުޑަވެއެވެ.

ގައިން ގަޔަށް އަރާ ބައްޔެއްތަ؟

މިއުކޯމައިކޯސިސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް ވައިގެ ތެރޭގައި ހުންނަ ފަންގަހުގެ (ސްޕޯ) (ކުނޑި) ތަކުގެ ޒަރީއާއިން ބަލި ޖެހެއެވެ. އެހެން ކަމުން ބަލިން ރައްކައުތެރިވުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. 

ސިއްހީ މާހިރުން ބުނާ ގޮތުގައި ބެކްޓީރި އާއި ފަންގަސް އަކީ އިންސާނުންގެ ހަށިގަނޑުގައި ހުންނަ އެއްޗެއްސެވެ. އެތަކެއްޗަށް ހަށިގަނޑުގެ މައްޗަށް ގަދަވެނުގަނެވެނީ އިންސާނުންގެ ދިފާއީ ނިޒާމުން އެތަކެތީގެ މައްޗަށް ބާރުފޯރުވާތީއެވެ. ނަމަވެސް ކެންސަރު ފަދަ ބައްޔަށާއި ހަކުރު ބަލީގެ ސަބަބުން ނުވަތަ ސްޓެރޮއިޑްސް ބޭނުން ކުރަން ޖެހުމުގެ ސަބަބުން ދިފާއީ ނިޒާމު ދަށްވެ، އެތަކެތި ގަދަވެ، ހަށިގަނޑުގައި އެތައް ގުނައަކަށް އިތުރުވެގެން ދަނީއެވެ.

އެހެން ފަންގަސް ހުއްޓާ މިއުކޯމައިކޯސިސް އެކަނި އިތުރުވަނީ ކީއްވެ؟

ކޮވިޑްގެ ދެވަނަ ރާޅުގެ ތެރޭގައި އިންޑިއާގެ އެކި ސްޓޭޓްތަކުން މިއުކޯމައިކޯސިސް ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ. މިއީ އާއްމު ބައްޔެއް ނޫން ނަމަވެސް، މިފަހުން އިންޑިއާއިން ބަލި ފެނިފައިވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ކިބައިންނެވެ.

ފަންގަސް އިން ފެތުރޭ އެހެން ބަލިތައްވެސް ހުއްޓާ، މިއުކޯމައިކޯސިސް އެހާ ބޮޑަށް އިންޑިއާގައ އާއްމުވީ ކީއްވެތޯ އެއީ މީހުން ކުރާ ސުވާލެކެވެ. ތަޖުރިބާކާރުން ބުނަނީ، އިންޑިއާ އަށް އައި ކޮވިޑް-19 ގެ ދެވަނަ ރާޅުގެ ސަބަބުން މިއުކޯމައިކޯސިސް ފެތުރުމަށް މަގުފަހި ވެގެން ދިއުމުގައި ސަބަބުތަކެއް ފާހަގަ ކުރެވޭ ކަމަށެވެ.

ހަށިގަނޑުގައި އޮކްސިޖަންގެ މިންވަރު ދައްވުމާއި، ކޮވިޑް-19 ބަލިމީހުންގެ ތެރޭގައި ހަކުރުބަލި ހުރުމާއި، ދިފާއީ ނިޒާމުގެ ބާރު ދަށްކުރާ ބޭސް ދޭން ޖެހުމާއި، ގިނަ ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުމާއި، މެކޭނިކަލް ވެންޓިލޭޓަރު ބޭނުން ކުރަން ޖެހުން ވެގެން ދިޔައީ މި ފަންގަސް ގަދަވެ ގަތުމަށް ފަހިވި ފުރުސަތު ތަކެއް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް