ބްލެކް ފަންގަސް ޖެހި އިންޑިއާގައި 4300ށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އިންޑިއާއިން މިހާތަނަށް ބްލެކް ފަންގަސްގެ 45،374 ކޭސް ފެނިފައިވާ ކަަމަށް އެ ޤައުމުގެ ހެލްތް މިނިސްޓަރ މަންސުޚް މަންދަވިޔާ ވަނީ ވިދާޅުވެފައެވެ. މި ފަންގަސް ޖެހެނީ ކޮވިޑު ޖެހިގެން ރަނގަޅުވާތާ 12 ނޫނީ 18 ދުވަސް ފަހުންނެވެ. މި ފަންގަސް ޖެހުނު 45،374 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މިހާރު ވެސް ދަނީ ފަރުވާ ހޯދަމުންނެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ބްލެކް ފަންގަސް އާއި ވައިޓް ފަންގަސް އަށްވުރެ ޔެލޯ ފަންގަސްގެ ނުރައްކާބޮޑެވެ. ސަބަބަކީ ޔެލޯ ފަންގަސްގެ ސަބަބުން އިންސާނާގެ އެތެރެ ހަށީގައި ހުރި މުހިންމު ގުނަވަންތަކަށް ދޭ ގެއްލުން ދެނެގަންނަން އުނދަގޫވާތީއެވެ. ސިކުނޑި އާއި ފުއްޕާމޭ ފަދަ މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ފަންގަސް ދޭއިރު، އެކަން ކުރީކޮޅު ދެނެގަތުމަށް ފަސޭހައެއް ނޫނެވެ. އެކަމުގެ ސަބަބުން މީހާގެ ފުރާނަ ސަލާމަތްކުރުމަށް އުނދަގޫވެއެވެ. ޔެލޯ ފަންގަސް އަކީ މި ފަހަކުން ފެނިގެން އުޅޭ ފަންގަސް އެކެވެ.
އިންޑިޔާއަށް ކޮވިޑް-19 ގެ ނުރައްކާތެރި ދެވަނަ ރާޅެއް ކުރިމަތިވެފައިވާއިރު ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް އަކީ މިހާރު އުއްތަރް ޕްރަދޭޝްގެ އެޕިޑެމިކް ޑިޒީސް ގާނޫނުގެ ދަށުން ރިޕޯޓްކުރަންޖެހޭ ބައްޔެކެވެ. މިބަލި ޖެހިގެން އެސަރަހައްދުގެ ސިއްހީ އިދާރާތަކަށް ރިޕޯޓްކުރަން ޖެހޭނެއެވެ. މި ފަންގަސް ބަލިޖެހިގެން އިންޑިއާގެ އެކި ހިސާބުތަކުން މިހާރު ވެސް އަންނަނީ ރިޕޯޓްކުރަމުންނެވެ. އެބައްޔަކީ ފެތުރިގެން ހިނގައިދާނެ ބައްޔެއްގެ ގޮތުގައި އެކި ސްޓޭޓްތަކުން މިހާރު ވެސް ވަނީ އިއުލާންކޮށްފައެވެ.
މި ބަލީގެ ސަބަބުން މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ދޭއިރު، ޑޮކްޓަރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިއުކޯމައިކޯސިސް ފެތުރެން މެދުވެރިވީ ކޮވިޑް-19 ބަލީގައި ހާލު ބޮޑު ވާމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ސްޓެރޮއިޑްސް ފަރުވާ ދޭންޖެހުމުގެ ސަބަބުންނެވެ. އަދި ކޮވިޑް ޖެހިގެން ސްޓެރޮއިޑްސް ފަރުވާ އާއި ގިނަ ދުވަސްތަކެއް ވަންދެން އޮކްސިޖަން ދީފައިވާ މީހުންނަށް ފަންގަސް ބަލި ޖެހިފައިވެއެވެ.
އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއުކޯމައިކޯސިސް ބަލީގައި ފުރާނަ ގެއްލުމުގެ ފުރުސަތު އޮންނަނީ 54 އިން ސައްތައެވެ. ބަލިން ގަދަވުމުގައި ބަލި މީހާގެ ހާލަތާއި ބަލީގެ އަސަރު ކުރާ ގުނަވަނެއްގެ ގޮތުން ފުރުސަތު އިތުރުވެ ކުޑަވެއެވެ.
މިއުކޯމައިކޯސިސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އެހެން ނަމަވެސް ވައިގެ ތެރޭގައި ހުންނަ ފަންގަހުގެ (ސްޕޯ) ކުނޑިތަކުގެ ޒަރީއާއިން ބަލި ޖެހެއެވެ. އެހެން ކަމުން ބަލިން ރައްކާތެރިވުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ.