އިސްރާއީލާއި ހަމާސްއިން ބަދަލު ކުރަމުންދާ ހަމަލާތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމަށް އެކުވެރި ދައުލަތް (އދ)ން މެދުއިރުމަތީގެ ސުލްހަޔަށް އައްޔަންކޮށްފައިވާ މަންދޫބު ތޯރ ވެނެސްލެންޑް ވިދާޅުވެއްޖެއެވެ.
ތޯރ މިހެންވިދާޅުވިއިރު، މިދިޔަ އަންގާރަ ދުވަހަކީ 2014 ވަނަ އަހަރު ޣައްޒާ ހަނގުރާމައިގެ ފަހުން އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރި ދުވަހެވެ.
ތޯރ ވިދާޅުވީ މި ދެފަރާތުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާ ކަމަށާއި، އަދި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ދެ ފަރާތުގެ ލީޑަރުން ޒިންމާ ނަގަން ޖެހޭ ކަމަށެވެ. އަދި މި ހަމަލާތަކުގައި ގެއްލުން ލިބެމުންދަނީ އާންމު ރައްޔިތުންނަށް ކަމަށް ތޯރ ވިދާޅުވިއެވެ.
ތޯރ ވިދާޅުވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އދ. އިން އަންނަނީ ކަމާއި ބެހޭ ފަރާތްތަކާއިއެކު މަސައްކަތް ކުރަމުން ކަމަށެވެ.
ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކުގައި މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ލާއިންސާނީ އަމަލުތައް ހިންގާފައެވެ. މިހަމަލާތަކުގައި ޖޭރުއްސަލާމް އާއި ހުޅަނގު އައްސޭރީގެ ސަަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 700 މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށުމާއެކު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ވަނީ އެމީހުންގެ ގެތަކުން ނިކުންނަން ފަށާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި ޣައްޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން އެމީހުން އަންނަނީ ހަމަލާދެމުންނެވެ. އޭގެތެރޭގައި ދެކުނުގައި އޮންނަ ޚާން ޔޫނުސް ހިމެނެއެވެ.
އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެމީހުން ވަނީ ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. އެގޮތުން އެންމެ ބޮޑު ބޮމުގެ ހަމަލާތައް ދިނުން މިހާރު ވަނީ ފަށާފައިކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެއެވެ.
އަނެއްކޮޅުން ޣައްޒާއިން ފޮނުވާލަމުންދާ ރޮކެޓްތައް އަންނަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުވަމުންނެވެ. އެގޮތުން ގޭސް އުފައްދާ ކާރުހާނާއަކަށް އަމާޒުކޮށް ޣައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާގެ ސަބަބުން އެތަން އަންނަނީ އަދަމުންނެވެ.
ހަމާސްއިން ވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލު ވޭންދެނެވި ގޮތަކަށް ހިފާނެކަމުގެ އިންޒާރު ދީފައެވެ.