އިސްރާއީލްގެ އަސްކަރިއްޔާއިން މެދުކެނޑުމެއްނެތި ޣައްޒާއަށް ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ދެމުންދާ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު 30ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ޣައްޒާއަށް މިހާގިނައިން ބޮން އަޅަން ފެށި ފުރަތަމަ ފަހަރެވެ. ޣައްޒާގެ ސިއްހީ ވުޒާރާތަކުން ބުނާގޮތުގައި މިހާތަނަށް އައިއިރު އިސްރާއީލްގެ އަސްކަރިއްޔާއިން ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 36 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން މިފެށީ ހޯމަ ދުވަހު ހަމާސް އިން އިސްރާއީލްގެ ވެރިރަށް ޠަލްއަވީވަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދިން ފަހުންނެވެ. މިހަމަލާތަކުގައި އިސްރާއީލްގެ ފަސް މީހަކު ވަނީ މަރުވެފައެވެ.
ހަމާސް އިން ރޮކެޓް ހަމަލާތައް ދޭން ފެށީ އިސްރާއީލުގެ އަސްކަރިއްޔާއިން އަޤްޞާ މިސްކިތަށް އަމާޒުކޮށް ހަމަލާތައް ދެމުން ގެންދިޔުމުން އެކަމުގެ ރައްދެއްގެ ގޮތުންނެވެ. އިސްރާއީލުން ވަނީ ޖެހިޖެހިގެން ތިން ދުވަސްވަންދެން އަޤްޞާ މިސްކިތާއި އެމިސްކިތް ހިމެނޭ ސަރަހައްދަށް އަމާޒުކޮށް ރަބަރު އުންޑައާއި ސްޓަން ގްރެނައިޑް އަދި ޓިއަރ ގޭސް ބޭނުންކޮށްގެން ހަމަލާދީފައެވެ.
ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކުގައި މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ލާއިންސާނީ އަމަލުތައް ހިންގާފައެވެ. މިހަމަލާތަކުގައި ޖޭރުއްސަލާމް އާއި ހުޅަނގު އައްސޭރީގެ ސަަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 700 މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށުމާއެކު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ވަނީ އެމީހުންގެ ގެތަކުން ނިކުންނަން ފަށާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި ޣައްޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން އެމީހުން އަންނަނީ ހަމަލާދެމުންނެވެ. އޭގެތެރޭގައި ދެކުނުގައި އޮންނަ ޚާން ޔޫނުސް ހިމެނެއެވެ.
އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އެމީހުން ވަނީ ވަރުގަދަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. އެގޮތުން އެންމެ ބޮޑު ބޮމުގެ ހަމަލާތައް ދިނުން މިހާރު ވަނީ ފަށާފައިކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެއެވެ.
އަނެއްކޮޅުން ޣައްޒާއިން ފޮނުވާލަމުންދާ ރޮކެޓްތައް އަންނަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުވަމުންނެވެ. އެގޮތުން ގޭސް އުފައްދާ ކާރުހާނާއަކަށް އަމާޒުކޮށް ޣައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާގެ ސަބަބުން އެތަން އަންނަނީ އަދަމުންނެވެ.
ހަމާސްއިން ވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލު ވޭންދެނެވި ގޮތަކަށް ހިފާނެކަމުގެ އިންޒާރު ދީފައެވެ.