ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.
ބްރެޒިލްގެ ސަރުކާރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި އެގައުމުން 3،001 މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެއާއިއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރު ލައްކައަށް އަރައިފައެވެ.
ބްރެޒިލަކީ އެމެރިކާއަށް ފަހު ކޮވިޑްގެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ބްރެޒިލުން 14 މިލިއަނަށްވުރެ ގިނަ މީހުނަށް ބަލި ޖެހިފައިވާއިރު ކޮވިޑްގެ ތިންވަނަ ރާޅެއް ވެސް ވަނީ ބިންދާލާފައެވެ.
އެޕްރީލް މަހު އެގައުމުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެއެވެ. އެޕްރީލް މަހަކީ އެގައުމުން މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ މަސްކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ. އެޔާއެކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދޯހަޅި ކަމަށް ބުނެ ގިނަ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވެއެވެ.
ކުރިޔަށް އޮތް ތަނުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް މިއަށްވުރެވެސް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި ބްރެޒިލުން ވެކްސިން ކެމްޕޭން ފަށާފައިވާއިރު އާބާދީގެ 28 މިލިއަން މީހުނަށް ވަނީ ވެކްސިން ދީފައެވެ. މިއީ އެގައުމުގެ އާބާދީގެ 13 އިންސައްތަ މީހުންނެވެ.
ވެކްސިން ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެފައިވާއިރު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ނިންމާލެވޭނީ އަންނަ އަހަރުގެ ކުރީ ކޮޅުގައި ކަމަށް ލަފާކުރެވިފައިވެއެވެ. ވެކްސިން ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން 27 ސްޓޭޓެއްގައި މިހާރުވެސް ދެވަނަ ޑޯޒު ޖެހުން ވަނީ ހުއްޓާލާފައެވެ.