މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ގައުމީ ބިލިއާޑް ސެންޓަރުގައި އޮތް ރަސްމިއްޔާތުގައި މި ފެސިލިޓީ ހުޅުއްވައިދެއްވީ އިގުތިސޯދާ ބެހޭ ވަޒީރު ފައްޔާޒް އިސްމާޢީލްއެވެ. މި ރަސްމިއްޔާތުގައި ފައްޔާޒުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރަށާއި ބިލިއާޑަށް އުފާވެރި ދުވަހެއް ކަމަށާއި، މިހާ ފުރިހަމަ ބިލިއާޑް ހޯލެއް އެޅުމުގެ ފަހަތުގައި ވަނީ ބިލިއާޑް އެސޯސިއޭޝަނުން ވުޒާރާއަށް ދިން އެއްބާރުލުން ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ތަރައްގީކުރަނީ ފުޓްބޯޅަ ދަނޑުތައް އެކަނި ނޫންކަން މި ބިލިއާޑް ފެސިލިޓީއަށް ބަލާލުމުން ފެންނާނެ ކަމަށާއި، އެގޮތުން ބިލިއާޑް އަދި އެ ނޫންވެސް ކުޅިވަރުތައް ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާރީފުކުރައްވާ ވަޒީރު ވިދާޅުވީ ވަކިން ހާއްސަކޮށް ކުޅިވަރަށް އެ މަނިކުފާނު ދެއްވާ އަހަންމިއްޔަތު މި ފެސިލިޓީއަށް ބަލާލުމުންވެސް ފެންނާނެ ކަމަށެވެ. އަދި ވަޒީރު ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބިލިއާޑް ކުޅުންތެރިން ދިވެހި ގައުމަށް ރީތި ވަނަ ހޯދައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ ޓްރިކް ޝޮޓް ޗެމްޕިއަން ފްރާންސުގެ ފްލޯރިއަން ކޯލާ ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޯލާ ބުނީ ރާއްޖޭގައި ތަރައްގީކޮށްފައިވާ މި ފެސިލިޓީއަކީ އެމެރިކާގެ ބިލިއާޑް ފެސިލިޓީތަކާ އެއް ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މުބާރާތްތައް ކުޅުމަށް ކެތް މަދުވެފައި ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީގައި 12 މޭޒު ވަނީ ބަހައްޓާފައެވެ. އަދި މި ފެސިލިޓީއާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރާނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި ބިލިއާޑް ފެސިލިޓީ ހުޅުވިއިރު، މި ރަސްމިއްޔާތުގައި ބިލިއާޑް އެސޯސިއޭޝަނުގެ ރަސްމީ ވެބްސައިޓް އަދި ބުކިން އެޕްލިކޭޝަން ވަނީ އިފުތިތާހުކޮށްފައެވެ. ވެބްސައިޓް އަދި ބުކިން އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.
މާލޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމުކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ޕޫލް ބިލިއާޑް ހައުސްވެސް ހުޅުވާފައެވެ.