ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ހާމަކޮށްފިއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހުސިން ވިދާޅުވީ ކުތުބުޚާނާގެ މަސައްކަތްތައް ހަރުދަނާކޮށް ޒަމާނީކުރުމަށް "ނެޝަނަލް ލައިބްރަރީގެ ގާނޫނުގެ ބިލެއް" ޑްރާފްޓް ކޮށްފައިވާކަމަށެވެ. މި ބިލުގެ ދަށުން އަދި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މިގޮތަށް ނިންމީ މީގެ ކުރިންވެސް ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމަށް އެކި ސަރުކާރުތަކުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް މުހުސިނު ވިދާޅުވިއެވެ.
ޤައުމީ ކުތުބުޚާނާ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރ މުހުސިން ވަނީ އައު ބަދަލާއެކު ކުތުބުޚާނާގެ ގޮފިތައް ހިންގާނެ އުސޫލުތައް ނެޝަނަލް ލައިބްރަރީގެ ގާނޫނުގައި ހިމެނޭނެކަމަށް ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން އެކުލަވާލި މި އުސޫލުތަކަށް ކަންތައް ދޭތޯ މިނިސްޓްރީން ބަލާނެކަމަށާއި ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާއާއި ހަވާލުވާނީ އެ ރަށެއްގެ ކައުންސިލުންކަމަށް ވެސް ވިދާޅުވިއެވެ. މިހެން ކަންތައް ކުރުމުން ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާއި ކުންފުނިތަކާއެކު ވާހަކަދައްކައި އެއްބަސްވުންތައް އެކުލަވާލުމުގެ ބާރު ލިބިގެންދާނެކަމަށް ވެސް މުހުސިނު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއެކު މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ލިބޭނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ލިބޭނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރުވެސް ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.
ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ދިނުމަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް އިންތިޚާބު އޮތީ މިމަހުގެ 10ވަނަ ދުވަހުއެވެ. އައު ކައުންސިލަރުން ހުވާކުރުން މި ރަމަޟާން މަހަށްފަހު ބާއްވަން އެލްޖީއޭއިން ވަނީ ނިންމަވާފައެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައެވެ.