ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގާ އެއް ހަރަކާތެވެ.
ބުރާސްފަތި ދުވަހު ގައުމީ ކުތުބުޚާނާގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި ކުތުބުޚާނާ ތަރައްގީކުރުމަށް ގައުމީ ކުތުބާޚާނާއާއެކު ބީއެމްއެލްއިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެެވެ. މި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އެވެ. ކުތުބުޚާނާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް އެވެ. މިހަފްލާގައި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް މެނޭޖްމަންޓްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ބީއެމްއެލްގެ ހެޑް އޮފް މާކެޓިން، ކޮމިއުނިކޭޝަންސް އަހުމަދު ޒަރީރު ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން ގައުމީ ކުތުބުޚާނާގެ ޕަބްލިކް އެކްސެސް އޮންނަ ހުރިހާ ހިސާބެއްގައި އަޕްގްރޭޑިން މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ، މިގޮތުން މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކުތުބުޚާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން, ކުތުބުޚާނާއިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނަރ ވެސް ހަދިޔާކުރާނެ ކަމަށް ޒަރީރު ވިދާޅުވިއވެެ. އަދި މުޅިން އަލަށް ކުތުބުޚާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރެވިގެންދާނެ ކަމަށާއި، އެތަނުގައި ހުރި ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުޚާނާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދެވިގެންދާނެ ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.
ޒަރީރު ވިދާޅުވީ މި މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ. އަދި އަމާޒަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ލައިބްރަރީތަކަކީ މުޖުތަމައުގެ މުހިންމު ބައެއް ކަމަށާއި، އެއީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް އަދި ހުރިހާ އުމުރުފުރާއަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް ކަމަށެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުޚާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ ފަޚުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.