ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު އެޅުމަށް ކުންފުންޏެއް އުފައްދައި، 3000 ހައުސިންގ ޔުނިޓް އެޅުމަށް ބުރާސްފަތި ދުވަހު ބިމާ ހަވާލު ވެއްޖެ އެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި ކުންފުނީގެ ނަމަކީ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ އެމްއެމްއޭ އިން ހުއްދަ ނަގައިގެން އުފެއްދި ސަބްސިޑިއަރީ ކުންފުންޏެއް ކަމަށެވެ.
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުރިހާ ބޭންކުތަކަށް ލާޒިމްކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން 3,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 1 އަދި 2 އަދި ވިލިމާލެ އިން ބިން ހޯދުމަށް،" ބުރާސްފަތި ދުވަހު ވަނީ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެމްއެމްއޭ ގެ އައު ގަވާއިދުތަކުގެ ދަށުން ދިވެހިރާއްޖޭގެ ހުރިހާ ވިޔަފާރި ބޭންކުތަކަށް ވަަނީ އެ ބޭންކުތަކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ ގެ 10% އިން 15% އަށް ވާ މިންވަރު އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމަށް ކަނޑައެޅުމަށް ލާޒިމްކޮށްފައެވެ.
ބީއެމްއެލް ގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް، ބޭންކުން އިސްނަގައިގެން އުފެއްދި މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ, ބީއެމްއެލްގެ ޑިރެކްޓަރ އޮފް އެގްޒެކެޓިވް އެފެއާޒް، ޕްރޮޕަޓީސް، އެންޑް އެޑްމިނިސްޓްރޭޝަން، ޙަސަން ޝާމް އެވެ.
ބީއެމްއެލް އިން ބިންތަކާ ހަވާލުވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އަލަށް އުފެއްދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާމެވެ.
ބިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއީ، ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް ދިވެހި ރައްޔިތުންގެ މެޖޯރިޓީ ހިއްސާ އޮތް، ދިވެހިންގެ ބޭންކުން ސަރުކާރާ އެއްކޮށް އަތުގުޅާލައި މަސައްކަތް ފަށާ ދުވަސް ކަމަށެވެ.
ބީއެމްއެލް އިން ވިލިމާލޭ ގައި ތިންސަތޭކަ ހައުސިން ޔުނިޓާއި ހުޅުމާލޭ ގައި 2،700 ޔުނިޓު އަޅާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މިއީ އަތްފޯރާ އަގުގައި ލިބޭ ތަންތަނަށް ހަދާނެ ކަމަށާއި، މިހާރު ދޫކުރާ ޔުނިޓުތަކުގެ އަގާ ގާތްގަނޑަކަށް އެއް އަގެއްގައި ޔުނިޓް ތައް ދެވޭނެ ކަމަށާއި، ބީއެމްއެލް އިން ފުލެޓް އެޅި ކަމުގައި ވިޔަސް މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތައް ދޭނީ ސަރުކާރުން އިޢުލާނު ކުރާ ޕްރޮގްރާމަށް ކުރިމަތިލާ މީހުންނަށް ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ގެ ވާހަކައިން ދޭހަވި ގޮތުގައި މުއިއްޒުގެ ސަރުކާރުން ވަނީ ބޭރުގެ ލޯނު ނަގައިގެން ހައުސިންގ މަސައްކަތް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އޮތް ދެރަ ހާލަތުގެ ސަބަބުން، ބޭރުގެ ބޭންކުތަކުންނާއި ގައުމުތަކުން ވެސް ލޯނު ލިބުމުގައި ދަތިތައް ހުރި ކަމަށެވެ.