Advertisement
ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 02:51
ޤައުމީ ކުތުބުޚާނާގައި ބަހައްޓާފައި ހުރި ބައެއް ފޮތްތައް
ޤައުމީ ކުތުބުޚާނާގައި ބަހައްޓާފައި ހުރި ބައެއް ފޮތްތައް
މުހައްމަދު ޝަރުހާން
ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ތައާރަފުކުރުން
ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ޖުލައި 12 ވަނަ ދުވަހު ފަށަނީ
ކުރީގެ ނޫސްތަކާއި އެކި އެކި މުހިންމު ލިޔުންްތައް ސްކޭންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން
ބޮޑެތި މީހުންނަށް ޚާއްސަ ވާހަކަތަކަށް އަޑު އަޅައިގެން އަޕްލޯޑްކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ގަތަރުގެ ނޭޝަނަލް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން

ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ޖުލައި 12 ވަނަ ދުވަހު ފަށަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހުސިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގައުމީ ކުތުބުޚާނާ ބެލެހެއްޓުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ މުހުސިން ވަނީ ޒަމާނަށް ފެތޭ ތަހުޒީބީ ކުތުބުޚާނާއަކަށް ގައުމީ ކުތުބުޚާނާ ހެދުމަށް ކުރާ މަސައްކަތް ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު ގިނަ ލިޔުންތަކެއް ސްކޭންކޮށް ޑިޖިޓަލް ލައިބްރަރީ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ. މިއަހަރުގެ ޖުލައި 12 ވަނަ ދުވަހު ގައުމީ ކުތުބުޚާނާއަށް 76 އަހަރު ފުރުމުގެ މުނާސަބަތުގައި މި ޚިދުމަތް ފަށާނެކަމަށާއި ކުރީގެ ނޫސްތަކާއި އެކި އެކި މުހިންމު ލިޔުންްތައް ސްކޭންކުރުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު ލައިބްރަރީގައި ކުޑަކުދިންނަށް ޚާއްސަ ފޮތްތައް މަދުކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މިނިސްޓަރ ވަނީ މިފަދަ ވާހަކަތައް ކުޑަކުދިންގެ ވާހަކަ ލިޔުމުގެ މުބާރާތުން ހޮވައި އަޕްލޯޑް ކުރާނެކަމަށް ވިދާޅުވެފައެވެ. ގައުމީ ކުތުބުޚާނާގެ ވެބްސައިޓުން "ވާހަކަ އަށި" ކެޓަގަރީއަށް ދިއުމުން އެބައި ބަލާލެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްސަ ވާހަކަތަކަށް އަޑު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު "ހޮޅުއަށީ"ގެ ނަމުގައި ފަށާ ޚިދުމަތުން މި އިންތިޒާމު ހަމަޖެހޭނެކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ލޯފަން ކުދިންނަށާއި ގަނޑު އުކަން އުނދަގޫ ފަރާތްތަކަށް ޚާއްސަ ފޮތްތައް ރާއްޖެ ގެނެސް "ބުކް ޝެއަރ"ގެ ނަމުގައި މި ޚިދުމަތް ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.

ނޭޝަނަލް ޑިޖިޓަލް ލައިބްރަރީ އޮފް އިންޑިއާގެ ޚިދުމަތްތައް ގައުމީ ކުތުބުޚާނާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ހިލޭ ލިބޭނެކަމަށާއި އުރީދޫގެ އެހީތެރިކަމާއެކު ގަތަރުގެ ނޭޝަނަލް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް