ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 23:05
ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްޤީކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްޤީކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
ގައުމީ ކުތުބުޚާނާ
ތައުލީމީ ރައްޔިތެއް ބިނާކުރެވޭނީ ފޮތް ކިޔާ މައުލޫމާތު ހޯދާ ދިރާސާ ކުރަން އެނގޭ ޖީލެއް ބިނާކޮށްގެން: މިނިސްޓަރ ޔުމްނާ
މުހިންމު ކަންތައްތައް ނިންމަންވާނީ މައުލޫމާތުތައް ހޯދައި އެ ދިރާސާތަކުގެ އަލީގައި

ތައުލީމީ ރައްޔިތެއް ބިނާކުރެވޭނީ ފޮތް ކިޔާ މައުލޫމާތު ހޯދާ ދިރާސާ ކުރަން އެނގޭ ޖީލެއް ބިނާކޮށްގެން ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްޤީކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ އިޤްތިސާދީ ތަރައްޤީއާ އެއްވަރަށް އިންސާނީ ތަރައްޤީ ވެސް މުހިންމު ކަމަށެވެ. އަދި އިންސާނީ ތަރައްޤީ ގެނެވޭނީ ހޭލުންތެރި ތައުލީމީ ރައްޔިތެއް ބިނާކޮށްގެން ކަމަށާއި އެކަން ކުރެވޭނީ ފޮތް ކިޔާ މައުލޫމާތު ހޯދާ ދިރާސާ ކުރަން އެނގޭ ޖީލެއް ބިނާކޮށްގެން ކަމަށް ވިދާޅުވިއެވެ.

މުހިންމު ކަންތައްތައް ނިންމަންވާނީ މައުލޫމާތުތައް ހޯދައި އެ ދިރާސާތަކުގެ އަލީގައި ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

މި ޒަމާނަކީ މައުލޫމާތުގެ ޒަމާންކަން ފާހަގަކުރައްވާ ޔުމްނާ ވިދާޅުވީ މައުލޫމާތު ފޯރުކޮށްދީ އަދި މައުލޫމާތު ލިބިގަތުމަކީ ލައިބްރަރީއެއްގެ އެންމެ އަސާސީ ބޭނުން ކަމަށެވެ.

ކިޔަވާ ކުދިންނާއި ޒުވާނުން އަދި ފޮތްތެރި މައުލޫމާތު ހޯދާ ދިރާސާ ކުރަން އެނގޭ ބަޔަކަށް ހެދޭނީ ފެންވަރު ރަނގަޅު ކުތުބުޚާނާތައް ހުރެގެން ކަމަށް ވެސް ވިދާޅުވިއެވެ.

ކުތުބުޚާނާއަށް ގެނެވުނު ބަދަލާއެކު ޙިދުމަތް ހޯދާ މީހުންނަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމަކީ މިއަދު ހަމައެކަނި ފޮތުން ކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ ތަފާތު އެކި މީޑިއާތަކާއި އިންޓަރނެޓް މެދުވެރިކޮށް ކުރެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ކުތުބުޚާނާއަށް ގެނެވުނު ބަދާލާއެކު އެތަން ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމަކީ އުންމީދު ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

- ކޮމެންޓް