ޗައިނާގެ ޒިންޖިއާންގައި ދިރިއުޅޭ ވީގަރ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަނީ ގަތުލުއާއްމެއް ކަމަށް އިނގިރޭސިވިލާތުގެ ޕާލަމެންޓުން ނިންމައިފިއެވެ.
މަޖިލީހުން ފާސްކުރި ގަރާރެއްގައި ޗައިނާ ކުށްވެރިކުރި ނަމަވެސް ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅާކަށްް ނުނިންމައެވެ.
އިނގިރޭސި މަޖިލީހުގެ ނިންމުމަށް ޗައިނާއިން ރައްދުދީފައިވާއިރު އެގައުމުން ބުނީ ނިންމުން ވަގުތުން ވަގުތަށް ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ.
އިނގިރޭސި މަޖިލީހުގައި ވީގަރ މުސްލިމުންނާ މެދު ބަހުސް ކުރެވުނުއިރު މެމްބަރުން ވަނީ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަނީ ލާއިންސާނީ އަމަލުތަކެއް ކަމަށް ބުނެފައެވެ. މިއަމަލު ހުއްޓާލުމަށް ގޮވާލާ ކަމަށާއި ދީނުގެ މިނިވަންކަން އެއީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެފައިވެއެވެ.
ބަހުސް ކުރިޔަށް ދިޔައިރު މަޖިލީސް ކައިރިއަށް އާންމު ރައްޔިތުން ނުކުމެ އަޑު އުފުލިއެވެ.
ޗައިނާއިން ވަނީ މިލިއަނަކަށްވުރެ ގިނަ ވީގަރ މުސްލިމުން ކޭމްޕްތަކުގައި ހައްޔަރުކޮށްފައެވެ. އެތަންތާގައި ލާއިންސާނީ އެތައް އަމަލެއް ހިންގަމުން އަންނަ ކަމަށް އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް އަންނަނީ ބުނަމުންނެވެ.