ރާއްޖޭގައި އަލަށް ސެޓެލައިޓެއް އުފެއްދުމުގެ މަސައްކަތް ފަށަން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެއެވެ.
އައިޖީއެސްއިން މައުލޫމާތު ދޭ ގޮތުގައި މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާ ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ. ޕްރޮޓޮޓައިޕް މި ސެޓެލައިޓަށް ބޭނުންވާ ހާޑްވެރ ސަޕްލައިކޮށް ސެޓެލައިޓް ޖައްވަަށް އުދުއްސާލުމުގައި ފަންނީ ގޮތުން އެހީތެރިވެ ދިނުމާ ގުޅޭގޮތުން އައިޖީއެސް އާއި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ސެޓެލައިޓް ލޯންޗު ކުރާނެ ގައުމެއް ހަމަޖައްސައި އެ ގައުމުގެ އެއަރ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަނަށް ބޭނުންވާ މާލީ އެހީ ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މިޝަނުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނެކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ސެޓެލައިޓް އުފައްދައި މުޅި މިޝަން ލީޑް ކުރާނީ ވެސް ދިވެހި ޒުވާނުންކަމަށް ރިފްއަތު ވިދާޅުވިއެވެ. އައިޖީއެސްއިން ވަނީ ޒުވާނުންނަށް އެކަމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުގެ ފަންނީ އެހީތެރިކަމާއެކީއެވެ. އެޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ. މިދިޔަ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީނު ކުރާނެއެވެ.