ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނުގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިޝަނުގައި ބައިވެރިވެވޭނީ އެއިރޮސްޕޭސް އިންޖިނިއަރިން، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރު ނުފުރޭ ދިވެހިންނަށެވެ.
މިކަމަށް ޝައުގުވެރިވާ ދިވެހިން އައިޖީއެސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިމަހުގެ 7 ގެ ކުރިން ހުށައަޅަން ޖެހެއެވެ.
މިޝަނަށް ނަގާނީ ޖުމްލަ 12 ދިވެހިން ކަމަށް އައިޖީއެސްއިން ބުނެއެވެ. މިޝަނަށް ހޮވޭ ޒުވާން ދިވެހި ސައިންޓިސްޓުން ތަމްރީނުކުރާނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މުޅިން ހިލޭ ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދިވެހި ޒުވާނުންނަށް ނެނޯ ސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ސެޓްފިކެޓް ލިބޭނެ ކަމަށެވެ. މިއީ ސްޕޭސް އިންޑަސްޓްރީން ގަބޫލުކުރާ ސެޓްފިކެޓެވެ.
ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓެލައިޓް އުފައްދާނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން. އަޅުގަނޑުމެން މުޅި މިޝަން ރާވާފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް. އެހެންވީމަ ވަޒީފާއިން ވަކިނުވެ މި ތާރީޚީ މި މަސައްކަތުގައި ބައިވެރިވެވޭނެ.އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު![]()
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުގެ ފަންނީ އެހީތެރި ކަމާއެކއެވެ. އެޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ އީސާ އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް ދިވެހިން ތަމްރީނު ކުރުމުގެ އިތުރުން ސެޓެލައިޓް ލޯންޗްކުރުމުގައި ވެސް ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސް އަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.