ފައިޒަރ ކުންފުނިން ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ އަހަރެއް ފަހުން ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ޖެހިދާނެކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.
ފައިޒަރ ކުންފުނީގެ ސީއީއޯ އަލްބަރޓް ބޯރލާ ވިދާޅުވީ، ފައިޒަރ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ 12 މަސް ފަހުން 3 ވަނަ ޑޯޒްއެއް ޖަހަން ޖެހިދާނެކަމަށާއި، އެއަށްފަހު ކޮންމެ އަހަރަކު އެއްފަހަރު ވެކްސިން ޖަހަން ޖެހުން އެކަށީގެންވާ ކަމަށެވެ. ބުރާސްފަތި ދުވަހު ސީއެންބީސީއަށް ދެއްވި އިންޓަރވިއުއެއްގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލްބަރޓް ވިދާޅުވީ، އެކަމާ ގުޅޭ އިތުރު ހޯދުންތައް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށްފަހު އިތުރު މައުލޫމާތު ހާމަ ކުރައްވާނެކަމަށް އަލްބަރޓް ވިދާޅުވިއެވެ.
އަލްބަރޓް ވިދާޅުވީ، ކޮވިޑް-19 ގެ އެކި ވޭރިއަންޓުތައް ފެންނަމުން ދިއުމަކީ އެކަމުގެ ސަބަބަކަށްވުން އެކަށީގެންވާ ކަމަށެވެ. އޭގެ އިތުރުން، އެމެރިކާ ފަދަ ޤައުމުތަކަށް ވެކްސިން ވިއްކަނީ ބޮޑު އަގެއްގައިކަން އަލްބަރޓްވެސް ޤަބޫލު ކުރައްވައެވެ. އަލްބަރޓް ވިދާޅުވީ، މެދުމިނުގެ އާމްދަނީ ލިބޭ ޤައުމުތަކަށް ވެކްސިން ވިއްކަނީ އޭގެ ދެބައިކުޅަ އެއްބައި ހެޔޮ އަގުގައި ކަމަށެވެ. އަދި ފަޤީރު ޤައުމުތަކަށް ވެކްސިން ވިއްކާނީ އެކަށީގެންވާ ރަނގަޅު އަގެއްގައިކަން ފާހަގަ ކުރައްވައި އަލްބަރޓް ވިދާޅުވީ، ވެކްސިންގެ ސަބަބުން އެތަކެއް ފުރާނަތަކެއް ސަލާމަތްވަމުންދާ ކަމަށާއި، ފަޤީރު ޤައުމުތަކަށް ވެކްސިން ވިއްކައިގެން މަންފާ ހޯދުމަށް ނުވިސްނާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ފައިޒަރ ވެކްސިނަކީ ޔޫރޮޕިއަން ޔޫނިއަންގެ ޤައުމުތަކުންވެސް އެންމެ އަގުބޮޑުކަމަށް ފާހަގަކުރާ އެއް ވެކްސިނެވެ. ފައިޒަރ ވެކްސިންގެ އިތުރުން މޮޑަރނާ ވެކްސިނަކީވެސް އަގުބޮޑު ވެކްސިނެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19 ވެކްސިން ޖެހުމުން ބަލި ޖެހުމުން މުޅިން ރައްކާތެރިކޮށްދޭ މިންވަރު ސައިންސްވެރިން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފައިޒަރ ކުންފުނިން ވަނީ އެ ކުންފުނީގެ ވެކްސިން ޖެހުމުން ކޮވިޑް ޖެހުން 91 އިންސައްތައަށް ދުރުކޮށްދޭ ކަމަށް ބުނެފައެވެ. އަދި ބަލި ޖެހިގެން ޙާލަތު ބޮޑުވާ މިންވަރުވެސް 95 އިންސައްތައަށް ދަށް ކޮށްދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ވެކްސިން ޑޯޒް ފުރިހަމަ ކުރާތާ 6 މަސް ފަހުންވެސް ވެކްސިންގެ އަސަރު މި މިންވަރަށް ހުންނަކަން ނުވަތަ ނޫންކަން ސައިންސްވެރިން ދަނީ އިތުރަށް ބަލައި ދިރާސާ ކުރަމުންނެވެ.