ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 16:52
މީގެކުރިން ބޭއްވި އިންތިޚާބެއްގައި މީހަކު ވޯޓާސް ލިސްޓް ބަލަނީ
މީގެކުރިން ބޭއްވި އިންތިޚާބެއްގައި މީހަކު ވޯޓާސް ލިސްޓް ބަލަނީ
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު: އެންމެ މަދުން މީހުން ވޯޓުލާން ނިކުންނަ އިންތިޚާބު
ކައުންސިލް އިންތިޚާބުތަކުގައި މީހުން ވޯޓުލާން ނިކުންނަ މިންވަރު މަދު
މިފަހަރުގެ އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ގިނަ ވާނެކަމަށް ގަބޫލުނުކުރެވޭ ކަމަށް އީސީން ބުނޭ

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްވީ ފަހުން ބާއްވާ 4 ވަނަ އިންތިޚާބެވެ. ކުރީގެ ރަށު ކަތީބުންނާއި އަތޮޅުވެރިންގެ ބަދަލުގައި ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ރަށާއި އަތޮޅު އަދި ސިޓީގެ ކަންކަން ކުރުމަށް ބޭތިއްބުމުގެ މިނިޒާމުގެ ބޭނުމަކީ ހަގީގަތުގައި މަރުކަޒީ ކުރެވިފައިވާ ބާރުތައް ލާމަރުކަޒު ކުރުމެވެ. އެކަން ކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރުމުގެ އެފުރުސަތު ރައްޔިތުންނަށް ލިބެއެވެ. ނަމަވެސް ރާއްޖޭގައި އާންމުކޮށް އިންތިޚާބުތަކުގައި ވޯޓުލާން މީހުން ނިކުންނަ އަދަދުތަކަށް ބަލާއިރު ކައުންސިލް އިންތިޚާބުތަކަށް މީހުން ވޯޓުލާން ނިކުންނަ މިންވަރު މަދެވެ.

ދިވެހިންނަކީ އިންތިޚާބުތަކުގައި ވޯޓުލާން އާންމުގޮތެއްގައި ނިކުންނަ ބައެކެވެ. އެހެންނަމަވެސް ކައުންސިލް އިންތިޚާބުތައް ވެފައި އޮންނަނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ދައުރުގެ މެދުތެރެއިން ކޮންމެވެސް ކަހަލަ މެސެޖެއް ދެވޭ އިންތިޚާބަކަށެވެ. އަނެއްކޮޅުން އެމީހަކު ދިރިއުޅެމުން އަންނަ ތަނެއްގެ ކައުންސިލް ހޮވުމުގެ ފުރުސަތު ލިބިފައިނެތުމުގެ ސަބަބުންވެސް އެއްބަޔަކު ވޯޓުލާން ދާކަށް ބޭނުމެއްނުވެއެވެ. ކޮންމެ ސަބަބަކާއި ހުރެނަމަވެސް ތާރީޚުން ފެންނަން އޮތް 3 އިންތިޚާބުގެ އަދަދުތަކުން އެނގެން އޮތްކަމަކީ ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މީހުން ވޯޓުލާން ނިކުންނަ މިންވަރަށް މީހުން ވޯޓުލާން ނިކުންނަ އިންތިޚާބެއް ނޫންކަމެވެ.

2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބު

އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 223،975 (ދެ ލައްކަ ތޭވީސް ހާސް ނުވަ ސަތޭކަ ހަތްދިހަ ފަސް) މީހުންނަށެވެ. އެފަހަރު ވޯޓުލާން ނިކުމެފައިވަނީ 161،510(އެއްލައްކަ ފަސްދޮޅަސް އެއްހާސް ފައްސަތޭކަ ދިހަ) މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.11 އިންސައްތައެވެ.

2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބު

2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 240،220 މީހުންނަށެވެ. މީގެތެރެއިން ވޯޓުލާފައިވަނީ 154،942 މީހުންނެވެ. މިއީ ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 64.5 ޕަސެންޓު މީހުންނެވެ.

2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބު

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 255،987 މީހުންނަށެވެ. އެއިންތިޚާބުގައި ވޯޓުލާފައިވަނީ އޭގެތެރެއިން 168،951 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 65.9 ޕަސެންޓު މީހުންނެވެ.

މިއަހަރު ބާއްވާ ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 273،128 (ދެލައްކަ ހަތްދިހަ ތިން ހާސް ސަތޭކަ އަށާވީސް) މީހުންނަށެވެ. އަނެއްކޮޅުން މިފަހަރު އިންތިޚާބު ބާއްވަނީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރުވެސް ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ ތިންހާހަށްވުރެ މަތީގައެވެ. ޕޮޒިޓިވްވި މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ގާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ވޯޓުލާން ދިޔުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖޭގެ ރަށްތަކެއް އޮތީ މޮނިޓަރިން ގެ ހާލަތުގައެވެ. ރަށްތަކާއި ގުޅިފައިވާ ބޮޑެތި ކްލަސްޓަރތަކެއް އެބައޮތެވެ. އެހެންކަމުން ކޮވިޑްގެ ބަނަ ވިލާގަނޑާއެކުވެސް މިފަހަރު ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވުމަކީ އެކަށީގެންވާކަމެކެވެ.

މިފަހަރުގެ އިންތިޚާބަކީ ކުރީ ފަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް ލޯކަލް ކައުންސިލްތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ވެސް ހޮވުމަށް ބާއްވާ އިންތިޚާބެކެވެ. ކުރިން ބޭއްވި އިންތިޚާބުތަކާއި ޚިލާފަށް މިފަހަރު އަތޮޅު ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ރައީސް އަދި ކައުންސިލަށް އަންހެން މެމްބަރުން އިންތިޚާބުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިހުރިހާ ކަމަކާހެދި މިފަހަރުގެ އިންތިޚާބުގެ ވޯޓު ގުނުމުގައި ލަސްތަކެއް އުޅޭނެކަމަށް ގަބޫލުކުރެވެއެވެ. އެކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިފަހަރު ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 59 ފޮއްޓެއްގައި 50 ދާއިރާއަށް ވުރެ ގިނަ ދާއިރާގެ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މީގެއިތުރުން ތިން ފޮއްޓަކަށް 200 ކައިރިއާ ކުރާ އަދަދަށް މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް މަދު ފޮއްޓެއްގައި ނޫނީ ވޯޓު ގުނުމަށް އެހާ ގިނަ ވަގުތު ނުނަގާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ ވޯޓުލާން އެހާ ގިނަ އަދަދެއްގެ ބަޔަކު ނިކުންނާނެ ކަމަށް ގަބޫލު ނުކުރެއްވޭތީކަމަށް ޝަރީފް ވިދާޅުވިއެވެ.

އާންމުކޮށްވެސް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދު، މިފަހަރުވެސް އެހާ ގިނަ ބަޔަކު ވޯޓުލާން ނިކުންނާނެކަމަކަށް ނުބެލެވޭ.
އަހުމަދު ޝަރީފް/ އީސީގެ ރައީސް

ކޮންމެއަކަސް އާންމުކޮށްވެސް މީހުން މަދުން ވޯޓުލާން ނިކުންނަ މި އިންތިޚާބުގައި މިފަހަރު ވާނެ ގޮތެއް އަދި ނޭނގެއެވެ.

- ކޮމެންޓް