ކުރިއަށް މިއޮތް ރަމަޟާން މަހާއި އެކު މިސްރުގައި ކޮވިޑް-19ގެ ތިން ވަނަ ރާޅު ފެށޭނެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.
އަރަބް ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުން މިސްރުގެ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލެއްކަމަށްވާ ނޯހާ އައްސަމް ވަނީ ރަމަޟާން މަހާއިއެކު އެގައުމުގައި ކޮވިޑް-19ގެ ތިން ވަނަ ރާޅު ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އާންމު އެއްވުންތައް އިތުރުވެ ކޭސްތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު ނޯހާ ވަނީ ދެއްވާފައެވެ. ރަމަޟާން މަހަކީ ރޯދަ ވިއްލުމަށާއި ތަފާތު އެކި ކަންކަމަށް އާއިލާ ބައްދަލުވުންތަކާއި އާންމު އެއްވުންތައް އިތުރުވެގެންދާ މަހެއް ކަމަށް ނޯހާ ފާހަގަކުރެއްވުއެވެ.
ނޯހާ ވަނީ ކޮވިޑްގެ ތިން ވަނަ ރާޅު ކޮންޓްރޯލްކުރުން އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ވިދާޅުވެ ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. ރައްޔިތުން މިހާރު ވަނީ ކޮވިޑަށް މާބޮޑަށް ހޭނިފައި ކަމަށާއި މީގެ ސަބަބުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާ ވަރަށް ދުރުވެފައިވާ ކަމަށް ނޯހާ ވިދާޅުވިއެވެ.
މިސްރުން މިހާތަނަށް 132 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 106 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު މިސްރުގައި 22 މިލިއަނަށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.