އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު، އިސްރާއީލް އާއި ހަމާސް އިން ވެސް ވަނީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލައި، ބަންދު ގައި ތިބި ރަހީނުން މިނިވަން ކުރެވޭނެ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެތައް ދުވަހަަކަށް ދެމިގެން ދިޔަ ޣައްޒާ ހަނގުރާމައިގައި ދެ ފަރާތުން ވެސް ތިބޭނީ ވަރުބަލިވެފައި ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭން އަށް މަޝްވަރާކޮށް، އަދި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައި ވަނީ މިޞްރުންނެވެ. ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވުމާ އެކު ޓްރަމްޕް ވަނީ މިޞްރުގެ އިތުރުން، މެދުވެރިންގެ ގޮތުގައި ތިބި ޤަތަރު އަދި ތުރުކީ އަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ މި ހަފުތާ ނިމުމުގެ ކުރިން އޭނާ މިޞްރަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުފުޅުގައި މިޞްރުގެ ވެރި ރަށް ކައިރޯގައި ގިނަ އަދަދެއްގެ ލީޑަރުންނާ ބައްދަލު ކުރައްވައި، ޣައްޒާގެ މުސްތަޤުބަލާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެހެންމެ، އިސްރާއީލް އަށް ވަޑައިގެން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަން ހަމަޖެހިފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާގައި ހިނގަމުން އައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަކީ މެދު އިރުމަތީގެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސުލްޙަވެރިކަން ޤާއިމު ކުރުމަށް މަގު ފަހިވެގެން ދާނެ ކަމެއް ކަމަށާއި، އެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ މިހާރު ވެސް ކުދި ކުދި މައްސަލަ އަދިވެސް ހުރި ކަމަށެވެ. އެހެން ނަމަވެސް، އެއީ ވަރަށް މަދު މައްސަލަ ތަކެއް ކަމަށާއި، އެ މައްސަލަތައް ވެސް ވަރަށް އަވަހަށް ޙައްލު ކުރެވޭނެ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ "އެ އަލިފާންތައް" ވަރަށް އަވަހަށް ނިއްވާލެވޭނެ ކަމަށެވެ.
ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ ޓްރަމްޕް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް ވެވަޑައިގެންފައިވާ ވައުދެކެވެ. ވެރިކަމަށް ވަޑައިގެންނެވުމާ އެކު ހަނގުރާމަ ނިންމުމުގެ ވާހަކަ ޓްރަމްޕް ވަރަށް ބޮޑަށް ދެއްކެވި ނަމަވެސް، ހަނގުރާމަ ނުނިމި ލަސްވުމުގެ ސަބަބުން ޓްރަމްޕް އަށް ފާޑު ކިޔުންތައް ވެސް އަމާޒު ވަމުން ދިޔަ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ކުރައްވާފައިވާ މަސައްކަތަކަށް އަރަބި އަދި އިސްލާމީ ޤައުމު ތަކުން ވެސް ވަނީ މަރުޙަބާ ކިޔައިފަ އެވެ.