Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 08:52
ރަޝިޔާގެ ރައީސް ޕުޓިން
ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުގައި، އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭން ޕުޓިން ބަަލައި ނުގަތް ކަމަށް ބުނުމަކީ ރަނގަޅު ކަމެއްތޯ ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ޕެސްކޮވް ވިދާޅުވީ، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭންގައި ހިމެނޭ ބައެއް ކަންކަން، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ޤަބޫލު ކުރައްވާފައިވާ ކަމަށާއި އަދި އަނެއް ބައި ކަންކަން ބަލައި ނުގަނެވޭ ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ހާމަ ކޮށްފި އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކަށް ދިޔުމަށް އެމެރިކާ އިން ބޭނުންވާ މަޝްވަރާތަކާއި، މަޝްވަރާ ތަކުގައި ހިމެނޭ ފަރާތްތަކާ ބައްދަލު ކުރުމަށް ރަޝިޔާ އިން އޮތީ ތައްޔާރަށް ކަމަށެވެ.

ޕެސްކޮވް މި ވާހަކަތައް ދައްކަވާފައި ވަނީ ރަޝިޔާގެ ވެރި ރަށް މޮސްކޯގައި އެ ޤައުމުގެ ރައީސް ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖެރާޑް ކުޝްނާއާ ބައްދަލު ކުރެއްވި ފަހުންނެވެ. ބުދަ ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުގައި، އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭން ޕުޓިން ބަަލައި ނުގަތް ކަމަށް ބުނުމަކީ ރަނގަޅު ކަމެއްތޯ ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ޕެސްކޮވް ވިދާޅުވީ، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެ ބައްދަލުވުމުގެ މައުލޫމާތު އިނގޭ އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، މިހާތަނަށް އެއްވެސް ކަމެއް ކޮމްޕޮރޮމައިޒް ވެފައި ނެތް ކަމަށެވެ.

ޕެސްކޮވް ވިދާޅުވީ ސީދާ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން ބައެއް ކަންކަން ޤަބޫލު ކުރެވުނު ކަމަށާއި، ބައެއް ކަންކަން ބަލައި ނުގަނެވޭނެ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ ކުރިއަށް ދިޔުމަށް ކުރާ މަސައްކަތުގައި ހިމެނޭ ވަރަށް އާދައިގެ ކަމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

މީގެ އިތުރުން ޕެސްކޮވް ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތް ތަކަށް ރަޝިޔާ އިން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. ނަމަވެސް، އެމެރިކާ އާއެކު ކުރަމުން އަންނަ މަޝްވަރާ ތަކުގެ ފުރިހަމަ ތަފްސީލެއް ކެރެމްލިން އިން ހާމަ ނުކުރާނެކަން ފާހަގަކޮށް ޕެސްކޮވް ވިދާޅުވީ، އެ ފަދަ މައުލޫމާތު އާންމު ކުރުމަކީ ފައިދާ ހުރި ކަމަކަށް ނުވާނެ ކަމަށެވެ.

މަޝްވަރާތައް ކުރިއަށް ދަމުން އަންނަ ގޮތަށް އިޝާރާތް ކުރައްވައި ޕެސްކޮވް ވިދާޅުވީ، މިހާރު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނީ ތަޖުރިބާކާރުންގެ ފެންވަރުގައި ކަމަށެވެ. އެ ބޭފުޅުންގެ ފެންވަރުގައި ކުރާ މަސައްކަތުން ނަތީޖާ ހޯދަން ޖެހޭ ކަމަށާއި، އެ ނަތީޖާތައް ވާން ވާނީ އެންމެ މަތީ ފެންވަރުގައި ކުރާ މަޝްވަރާ ތަކުގެ އަސާސަށް ކަމަށް ވެސް ޕެސްކޮވް ވިދާޅުވެފައިވެ އެވެ.

އެމެރިކާ އިން ހުށަހަޅާފައިވާ 28 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭން އާންމުވެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަމަށް ޔުކްރެއިން އާއި ޔޫރަޕުގެ ޤައުމު ތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެއީ ރަޝިޔާ އިން ކޮށްފައިވާ މައިގަނޑު ޑިމާންޑު ތަަކަށް އެމެރިކާ އިން އެއްބަސްވެފައިވާ ކަމަށް ބުނެ އެވެ.

އަންގާރަ ދުވަހު ޕުޓިން ވިދާޅުވެފައި ވަނީ ޔޫރަޕުގެ ބާރު ތަކުން ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ކުރަން މަސައްކަތް ކުރަނީ، ރަޝިޔާ އަށް މުޅިން ބަަލައި ނުގަނެވޭ ހުށަހެޅުން ތަކެއް ހުށަހަޅައިގެން ކަމަށެވެ. ގިނަ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ހަނގުރާމަ ނިންމުމަށް ކުރާ މަސައްކަތުގައި ޓްރަމްޕް ގެންދަވަނީ، ޕުޓިން ބޭނުންވާ ގޮތަށް ކަންކަން ކުރައްވަމުންނެވެ.

ތިން އަހަރު ދުވަހަށް ދިގު ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ނިންމުމަށް ކުރާ މަސައްކަތުގައި، ސީދާ މަޝްވަރާތައް ކުރިއަށް ގެންދެވޭ މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު، ރަޝިޔާ އިން ބުނަމުން އަންނަނީ އެ ޤައުމުން އޮތީ މަޝްވަރާ ތަކަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ހަރުކަށި ޝަރުތު ތަކެއް ކޮށްފައިވާ ކަމަށް ބުނެ، ޔުކްރެއިން އިން އަންނަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް