ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ބައެއް ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، ބައެއް ޤައުމުތަކުގައި ލޮކްޑައުންގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ވައިރަސްގެ ސަރޖްތައް ފެންނަމުން ދިއުމާއި ގުޅިގެން ޕޮލެންޑް، ފްރާންސް އަދި ޔޫކްރެއިންގައި މިހާރު ވަނީ ލޮކްޑައުންގެ ބައެއް ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން އެ ޤައުމުތަކުގެ ގިނަ ފިހާރަތައް ބަންދު ކުރުމަށް އަންގާފައިވާއިރު، އޮފީސްތަކަށް ދާ މީހުންވެސް ގޭގައި މަސައްކަތް ކުރުމަށް މިހާރު ވަނީ އަންގާފައެވެ. ފްރާންސްއަށް އެކަނި ބަލާއިރުވެސް ޕެރިސްގައި ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދުތައް އިތުރުވުމާއެކު، ކުރީބައިގައި ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
އެހެންނަމަވެސް، އެ ޤައުމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ލޮކްޑައުންއެއްގެ ގޮތުގައި ސިފަ ނުކުރެއްވުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ އެދިވަޑައިގަންނަވާފައެވެ. އެގޮތުން މިއީ މުޅިން ގޭގައި ބަންދުނުވެ، ކޭސްތައް މަދު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައި ރައީސް މެކްރޮން ވަނީ ސިފަ ކުރައްވާފައެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ފްރާންސުން ދުވާލެއްގެ މައްޗަށް 40،000ށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރެވެމުންދެއެވެ.
އޭގެ އިތުރުން، ޖަރުމަނުގައިވެސް ކޮވިޑް ކޭސްތަކުގެ އަދަދު ފާއިތުވި ދުވަސްތަކުގައި އިތުރުވެފައިވާއިރު، އެ ޤައުމުގެ ޕަބްލިކް ހެލްތް ޔުނިޓުން ވަނީ ކުރިއަށް އޮތް ތަނުގައި އެ ޤައުމުގައިވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެ ޤައުމުން 17،000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާއިރު، 220 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ޖަރުމަނުގެ ހެލްތް މިނިސްޓަރާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ ޤައުމަށް މިހާރު ކުރިމަތިވެފައި މިވަނީ ކޮވިޑުގެ 3 ވަނަ ރާޅެވެ.
ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވެފައިވަނީ، ކޮންމެހެން ޖެހިއްޖެ ޙާލަތެއްގައި ހަރުކަށި ފިޔަވަޅުތައް އެޅުއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ޚާއްސަކޮށް ޖަރމަނީގެ ބައެއް ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.