ކޮވިޑް-19 ގެ އެންމެ ހާލަތު ގޯސް އެއް ގައުމުކަމުގައިވާ ބްރެޒިލަށް 138 މިލިޔަން ޑޯޒުގެ ވެކްސިން ދިނުމަށް ފައިޒާއާއި ޖޯންސަންއިން އެއްބަސްވެއްޖެއެވެ.
ފައިޒާއާއި ޖޯންސަންއިން މިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އެގޮތުން އެ ދެ ކުންފުނިން ވަނީ ބްރެޒިލުގެ ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ފައިޒާއާއި ޖޯންސަންއިން 138 މިލިޔަން ޑޯޒުގެ ވެކްސިން އެ ގައުމަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ބްރެޒިލާއެކު ވެވުނު އެއްބަސްވުމުގެ ތަފުސީލަށް ބަލާލާއިރު، ފައިޒާ ކުންފުނިން ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 100 މިލިޔަން ޑޯޒުގެ ވެކްސިން ދިނުމަށް އެއްބަސްވެފައެވެ. އެގޮތުން ފައިޒާ ކުންފުނިން 13.5 މިލިޔަން ޑޯޒުގެ ވެކްސިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 86.5 މިލިޔަން ޑޯޒުގެ ވެކްސިން ލިބޭނެ ކަމަށް ބްރެޒިލުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ބްރެޒިލުގެ ހެލްތު އޭޖެންސީއިން އަދި މިހާތަނަށް އައިރު، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި އޮގްސްޓް މަހު 16.9 މިލިޔަން ޑޯޒުގެ ވެކްސިން އަދި ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު 21.1 މިލިޔަން ޑޯޒުގެ ވެކްސިން ލިބޭނެ ކަމަށެވެ.
އެކަމަކު ޖޯންސަން އެންޑް ޖޯންސަންއިން 38 މިލިޔަން ޑޯޒުގެ ވެކްސިން ފޮނުވައިދޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބްރެޒިލުން މިހާތަނަށް ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ ފައިޒާ، އެސްޓްރަޒެނިކާ އަދި ސިނޮވެކް ވެކްސިނަށެވެ.
ބްރެޒިލުން އިތުރު ވެކްސިން ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ ގައުމުގައި ދުވާލެއްގެ މައްޗަށް ރިޕޯޓުކުރަމުން އަންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ބުދަ ދުވަހަކީ މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަހާ ޕޮޒިޓިވްވި ދުވަހެވެ.