Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 10:21
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ، ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގަންނަވަނީ
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ، ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގަންނަވަނީ
ރޮއިޓަރސް
އިނގިރޭސިވިލާތް
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
މީގެ ކުރިން ސްޓާމަރގެ އެޑްވައިޒަރުން އޭނާ އަށް ލަފާ ދެއްވާފައި ވަނީ، އެ ސަމިޓަށް ވަޑައިނުގެންނެވުމަށެވެ. އެއީ ގިނަ ވަގުތު ޤައުމުން ބޭރުގައި ހޭދަ ކުރައްވާތީ، ސްޓާމަރ އަށް ކުރިމަތި ވަމުން އަންނަ ފާޑު ކިޔުންތަކުގެ ސަބަބުންނެވެ.

ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް30 ސަމިޓުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް، ޑައުނިންގ ސްޓްރީޓް އިން ހާމަ ކޮށްފި އެެވެ.

އެމެޒޯން ރެއިންފޮރެސްޓުގައި އދ ގެ މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި ދާއިރާގެ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި، މިއީ 2015 ވަނަ އަހަރު ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބޭއްވުނު ކޮޕް ސަމިޓަށް ފަހު، މިހާތަނަށް ބޭއްވޭ އެންމެ މުހިންމު ކޮޕް ސަމިޓަށް ވާނެ އެވެ.

މީގެ ކުރިން ސްޓާމަރގެ އެޑްވައިޒަރުން އޭނާ އަށް ލަފާ ދެއްވާފައި ވަނީ، އެ ސަމިޓަށް ވަޑައިނުގެންނެވުމަށެވެ. އެއީ ގިނަ ވަގުތު ޤައުމުން ބޭރުގައި ހޭދަ ކުރައްވާތީ، ސްޓާމާރ އަށް ކުރިމަތި ވަމުން އަންނަ ފާޑު ކިޔުންތަކުގެ ސަބަބުންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ސިޔާސީ މަޝްރަހު ހަލަބޮލި ވެފައިވުމާއި، ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވަމުން އަންނާތީ، މީގެ ކުރިން ބެލެވިފައި އޮތީ ސަމިޓަށް ސްޓާމަރ ވަޑައިނުގަންނަވާނެ ކަމަށެވެ.

ނަމަވެސް، ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ނެޓް ޒީރޯ އަކީ 21 ވަނަ ޤަރުނުގެ އިޤްތިޞާދީ ފުރުސަތެއް ކަމަށްވާތީ، ބްރެޒިލްގެ ބެލެމް ސިޓީގައި ބޭއްވޭ ކޮޕް30 ސަމިޓަށް ބޮޑު ވަޒީރު ސްޓާމަރ ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އިނގިރޭސިވިލާޔުގެ ސިނާއީ ސަރަހައްދުތައް އަލުން ދިރުވައި، މުސްތަޤުބަލަށް ރަނގަޅު ވަޒީފާތައް އުފައްދައި އަދި ދިގު މުއްދަތަކަށް ބިލުތައް ކުޑަ ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ސަރުކާރުގެ އެޖެންޑާ ކުރިއަށް ގެންދިޔުމާ މެދު ސަރުކާރުގެ އެތެރޭގައި ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިގަ އެވެ. މިއީ ހަކަތައިގެ އަގުތައް މައްޗަށް ދިޔުމާއި، ކޮންޒަވޭޓިވް ޕާޓީ އާއި، ރިފޯމް ޔޫކޭ އިން ނެޓް ޒީރޯ ޓާގެޓުތަކާ ދެކޮޅަށް އަޑު އުފުލަމުންދާތީ އެވެ.

ސްޓާމަރ ވަނީ މިދިޔަ އަހަރު އަޒަރުބައިޖާންގައި ބޭއްވުނު ކޮޕް ސަމިޓަށް ވަޑައިގެންފަ އެވެ. އޭގެ ކުރިން 2023 ވަނަ އަހަރު، ދުބާއީގައި ކުރިއަށް ދިޔަ ކޮޕް ސަމިޓުގައި ބައިވެރިވުމަށް އޭރުގެ ބޮޑު ވަޒީރު ރިޝީ ސުނާކް ވަޑައިގެންނެވުމުން، ސްޓާމަރ ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭރު ސްޓާމަރ ހުންނެވީ އިދިކޮޅު ލީޑަރުގެ މަގާމުގަ އެވެ.

ލޭބާ ޕާޓީ އިން ވެރިކަމަށް އައުމަށް ފަހު، އެއްގަމުގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމާއި، ސާފު ހަކަތަ އަށް އިންވެސްޓު ކުރުމަށް އައު އިންވެސްޓްމަންޓް ޖަމިއްޔާއެއް އުފެއްދުން ފަދަ ތިމާވެއްޓާ ރައްޓެހި ގިނަ ނިންމުން ތަކެއް ވަނީ ނިންމައިފަ އެވެ.

މަސްދަރު: ދި ގާޑިއަން
- ކޮމެންޓް