ކ. މާލެ
|
17 މާރޗް 2021 | ބުދަ 17:04
ވެލައެއް - ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމަށް ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކުރެވިފައި
ވެލައެއް - ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމަށް ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކުރެވިފައި
އޮލިވް ރިޑްލީ ޕްރޮޖެކްޓް
ވެލާ ކަހަނބު
ވެލައާއި ކަހަނބާ އެކު ފީނާލައިފިންތަ؟
 
މީގެ އެތައް މިލިއަން އަހަރެއް ކުރިންވެސް ވެލައާއި ކަހަނބު އުޅުނު
 
އެތައް ހާސް މޭލަކަށް ދަތުރުކުރުމަށް ފަހުވެސް، ބިސް އެޅުމަށްޓަކައި ބިސްއަޅާ ގޮނޑުދޮށަށް އެނބުރި އާދޭ
 
ކަނޑުގައި އުޅޭ ވެލައާއި ކަހަނބުގެ ހަ ބާވަތެއް ވަނީ ދުނިޔެއިން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ލިސްޓުގައި

ދުނިޔޭގައި ސާރު ނުވަތަ ޑައިނަސޯ އުޅުނު އިރުވެސް ދުނިޔޭގައި އުޅުނު ދިރުމެކެވެ. މީގެ އެތައް މިލިއަން އަހަރެއް ކުރިން އުޅުނު ޖަނަވާރެއްކަން ހާމަވާ އެތައް ފޮސިލެއް ވަނީ ފެނިފައެވެ. މިދުނިޔެއަށް އައުމާއެކު ހިޖުރަކުރާ ދަތުރު ފަށައެވެ. ވަރަށްވެސް ކުޅަދާނަ ނެތްވެކެވެ. ވެލާ އަދި ކަހަނބުގެ އެންމެ ޚާއްސަ އެއް ސިފައަކީ އެތައް ހާސް މޭލަކަށް ދަތުރުކުރުމަށް ފަހުވެސް، ބިސް އެޅުމަށްޓަކައި އެތަކެތި ބިސްއަޅާ ގޮނޑުދޮށަށް އެނބުރި އަންނަ އައުމެވެ. ބިސް އަޅާ ސަރަހައްދަށް އެހާވެސް ވަފާތެރިއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިއާއި ރަށްރަށުގެ ދޮންވެލި ގޮނޑުދޮށްތަކަކީ، ވެލާ ކަހަނބު ކާނާ ހޯދުމަށާއި އަދި ބިސް އެޅުމަށް އެންމެ އެކަށީގެންވާ މާހައުލުތަކެވެ. ވެލަ އާއި ކަހަނބަކީ ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުން އާއްމުކޮށް ފެންނަ، ދިވެހިން އަދި ފަތުރުވެރިންވެސް ވަރަށް ޝައުގުވެރިވާ ދިރުމެކެވެ. ދުނިޔޭގެ ކަނޑުތަކުން ފެންނަ ވެލާ އަދި ކަހަނބުގެ ހަތް ބާވަތުގެ ތެރެއިން ފަސް ބާވަތެއް ރާއްޖެއިން ފެނެއެވެ. މިގޮތުން އެންމެ ގިނައިން ފެންނަ ކަމަށް ރިކޯޑް ކުރެވިފައިވަނީ ގްރީން ޓާރޓްލް ނުވަތަ އާދައިގެ ވެލައެވެ. ދެން އެންމެ އާއްމުކޮށް ފެންނަނީ ހޯކްސްބިލް ޓަރޓްލް ނުވަތަ ކަހަނބެވެ. މި ދެ ބާވަތަކީވެސް ރާއްޖޭގައި ބިސް އަޅާ ވިހާ އާލާވާ ދެ ބާވަތެވެ. ދެން އެންމެ ގިނައިން ފެންނަ ވާވޮށި ވެލާ ރާއްޖޭގައި ބިސްއެޅިކަމަށް ރެކޯޑް ކުރެވިފައިވަނީ ދެ ފަހަރުއެވެ. ފީނާލަން ނުވަތަ ފަތާލަން ދާ ދަތުރުގެ އެންމެ އުސް އައްޔަކަށް ވަނީ ވެލަ އެއް ނުވަތަ ކަހަނބަކާއެކު ހޭދަކުރެވޭ ވަގުތުކޮޅެވެ.

ތާރީޚީ ނަޒަރަކުން ބަލާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެސް ދޮންވެލި ގޮނޑުދޮށްތަކަށް ކޮންމެ ރެއަކުވެސް ބިސް އަޅަން ވެލާ އަރާ ކަމަށް ވެއެވެ. އޭރު އިންސާނުންގެ ފަރާތުން ބޮޑެތި ވެލާ އަދި ކަހަނބަށް ކުރިމަތިވާ ނުރައްކާތައް ކުޑައެވެ. ސަބަބަކީ އޭރު ދިވެހިން ވެލާ މަސް ކެއުމުގެ ބަދަލުގައި ކެއުމަށް ބޭނުންކޮށްފައި ވަނީ ވެލާ ބިހެވެ. އަދި ފަޅު ރަށްރަށުގައި ހުންނަ ބިސް ވަޅުތައް ފީވެ، ކުދި ވެލާތަކަށް، އިންސާނުންގެ ފަރާތުން އިތުރު ނުރައްކަލެއް ކުރިމަތިނުވެ، އެސޮރުމެންގެ އަސްލު މާހައުލަށް ވާސިލުވުމުގެ ދަތުރު ރައްކާތެރި ކަމާއެކު ފެށެއެވެ. ޒަމާން ބަދަލު، ވެލާމަސް ކާން ފެށުމުން، ވެލާ ކަހަނބުގެ އާބާދީއަށް އެކަމުގެ އަސަރު ކުރަން ފެށިއެވެ. ރަށްރަށަށް ރެއަކު 10 ވެލައިން ބިސް އަޅަން އަރާ ވެލާތައް މަދުވަމުންގޮސް ރެއަކު އެއް ވެލައަކަށް ބަދަލުވިއެވެ.

ވެލާ އަދި ކަހަނބުގެ އާބާދީއަށް ކުރިމަތިވެފައިވާ ނުރައްކާ

ވެލަ އާއި ކަހަނބު ބިސް އަޅާއިރު 200 ވަރަކަށް ބިސް އަޅައެވެ. ބިސް ވަޅަކުން ވިހައިގެން ކަނޑަށް ފައިބާ ޅަ އެއްޗެތީގެ ތެރެއިން ސަލާމަތުން ބޮޑުވެވެނީ ވަރަށް މަދު އެއްޗަކަށެވެ. ބޮޑެތި ވެލާ އަދި ކަހަނބަށް ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ އެކި މަޝްރޫއުތަކުގެ ސަބަބުން އެ އެއްޗެހި ބިސް އަޅައި އާލާވާ މާހައުލުތައް ނެތިދިއުން ހިމެނެއެވެ. އަދި މޫދަށް އުކާލެވޭ ކުންޏާއި ޕްލާސްޓިކްވެސް ވެފައިވަނީ ވެލައަށް ނުރައްކަލަކަށެވެ. މަސްވެރިކަމަށް ކަނޑުގައި އަޅާ ދަލުގައި އޮޅިގެން ވެސް އެތައް ވެލައެއް މަރުވެއެވެ. ރާއްޖޭގެ ކަނޑުންވެސް އޮއިވާލި ދަލުގައި ޖެހި ތާށިވެފައިވާ ވާވޮށި ވެލާތައް ވަރަށް ގިނައިން ފެނެއެވެ. މިފަދަ އެތައް ނުރައްކަލާއި ކުރިމަތިވެފައިވާ ދިރުމެއް، ހިފައި ކަތިލައި ނުވަތަ ބިސް ނަގައި ކާން ވެއްޖެނަމަ، އެ ދިރުމުގެ ނަސްލު ދެމެހެއްޓުމަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. ކަނޑުގައި އުޅޭ ވެލައާއި ކަހަނބުގެ ހަތް ބާވަތުގެ ތެރެއިން ހަ ބާވަތެއްވަނީ ދުނިޔެއިން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ލިސްޓުގައި ހިމެނިފައެވެ. ވެލައާއި ކަހަނބުގެ ނަސްލު ދަމަހައްޓައި އިންސާނުންގެ އިހުމާލުގެ ސަބަބުން އެސޮރުމެންނަށް ލިބޭ އަނިޔާތައް ކުޑަކުރުމަށްޓަކައި، ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ވެލައާއި ކަހަނބު ހިމާޔަތްކޮށް، މިތަކެތީގެ ބައިތައް ބޭނުންކޮށްގެން ވިޔަފާރިކުރުން މަނާކޮށްފައެވެ.

ވެލައެއް - ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމަށް ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކުރެވިފައި - އޮލިވް ރިޑްލީ ޕްރޮޖެކްޓް

ވެލައާއި ކަހަނބު ހިމާޔަތްކޮށް ބެލެހެއްޓުމަށް ރާއްޖޭގައި ކުރެވޭ ބައެއް މަސައްކަތްތައް

ރާއްޖޭގައި ވެލާކަހަނބުގެ އެއްވެސް ބާވަތެއް ހިފުމާއި، ވެލާ ކަހަނބުގެ ބިސް ނެގުމާއި، ބިސްވަޅުތަކަށް ގޯނާ ކުރުމާއި، ވެލާ ކަހަނބު ގެންގުޅުމާއި ވެލާ ކަހަނބާއި އޭގެ ވިޔަފާރި ކުރުން ވަނީ މަނާކުރެވިފައެވެ. މީގެއިތުރުންވެސް ވެލާ ކަހަނބާ ގުޅޭ އެއްވެސް ދިރާސާއެއް ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތާއި އަނިޔާ ލިބިފައިވާ ވެލައަށް ފަރުވާ ދިނުމަށް ރިހަބިލިޓޭޝަން ސެންޓަރުތަކުގައި ޕްރޮގްރާމްތައް ހިންގެނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބިގެންނެވެ. މިގޮތުން އީ.ޕީ.އޭގައި ރަޖިސްޓަރީ ކުރެވިގެން އަނިޔާ ލިބިފައިވާ ވެލާ ކަހަނބަށް ފަރުވާކުރުމަށްޓަކައި ފަސް ސެންޓަރެއް ރާއްޖޭގައި ހިންގައެވެ. މިފަދަ ސެންޓަރު ތަކަށް އާއްމުކޮށް ގެނެވެނީ އޮއެވާލި ދާތަކުގައި ތާށިވެ އަނިޔާވެފައިވާ ވެލައެވެ.

ރާއްޖޭގައި ވެލައާއި ކަހަނބުގެ ދިރާސާކުރާ ޖަމިއްޔާއެއް ކަމުގައިވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2016 ން 2020 ނަވަ އަހަރުގެ ނިޔަލަށް އޮއިވާލި ދަލުގައި ޖެހި އަނިޔާވެފައިވާ 900 އަށް ވުރެ ގިނަ ވެލާ ރާއްޖޭގެ ކަނޑުތަކުން ވަނީ ސަލާމަތް ކުރެވިފައެވެ. މީގެ ތެރެއިން 86 އިންސައްތަ ވެލައަކީ ވާވޮށި ވެލައެވެ. ކަނޑުމަތިން ސަލާމަތް ކުރެވޭ އަނިޔާވެފައިވާ ވެލާތަކަށް، އީޕީއޭގައި ރަޖިސްޓަރީ ކުރެވިފައިވާ ސެންޓަރުތަކުން ފަރުވާ ލިބެއެވެ. މިފަދަ ސެންޓަރުތަކަށް ގުޅުމުން، އަނިޔާވެފައިވާ ވެލައާއި ކަހަނބުތައް އެސެންޓަރުތަކަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ. މިފަދަ ސެންޓަރުތަކުގައި މި ތަކެއްޗަށް ފަރުވާކުރުމަށް ޚާއްސަވެގެން ތިބޭ ވެޓުން ތިބެއެވެ.

އޮއިވާލި ދަލެއްގައި ޖެހިފައިވާ ވާވޮށި ވެލައެއް - އޮލިވް ރިޑްލީ ޕްރޮޖެކްޓް

އޯއާރުޕީ އިންވަނީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ވެލައާއި ކަހަނބުގެ މޫނުމަތީގައި ހުންނަ ނިޝާންތައް ބޭނުންކޮށްގެން ވަކިވަކި ވެލައާއި ކަހަނބު ދެނެގަތުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. މިގޮތުން މިހާތަނަށް ރާއްޖެއިން ވަނީ ތަފާތު 4000 ވުރެ ގިނަ ވެލައާއި ކަހަނބު ރެކޯޑް ކުރެވިފައެވެ.

ސެޓްލައިޓް ޓެގް ހަރުކުރެވުނު ވެލާތައް ކަނޑުގައި ދަތުރުކުރި ރޫޓްތައް - ކަރަންޓް ބަޔޮލޮޖީ

ވެލައާއި ކަހަނބު ކަނޑުތަކުގައި ކުރާ ދިގު ރާސްތާ ދަތުރުތައް

ކަނޑުގައި އުޅޭ ވެލާ ކަހަނބުގެ އުމުރުގެ %90 ހޭދަ ކުރަނީ ކަނޑުތަކުގައެވެ. އެއްގަމުގައި ނުވަތަ ބިސް އެޅުމުގައި ހޭދަކުރަނީ އުމުރުގެ %10 އެވެ. ކުޅަދާނަ މާލިމީއެއް ގޮތަށް މިސްރާބު ބަހައްޓައިގެން، ކާނާ ހޯދުމުގައި އުޅޭ ސަރަހައްދުތަކުން ބިސް އަޅާ މޫސުމުގައި އެނބުރި ބިސް އަޅަން ކުދި ރަށްރަށުގެ ގޮނޑުދޮށްތަކަށް ވެލަ އާއި ކަހަނބު ކުރާ ދަތުރުގެ ހަގީގަތް ހޯދުމަށް މަޝްހޫރު ސައިންސް ވެރިޔާ ޗާރލްސް ޑަރވިން ވަރަށް ޝައުގުވެރިވިއެވެ. 2020 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ކޮންމެވެސް ވަރަކަށް ވަނީ ވެލަ އާއި ކަހަނބު އާއްމުކޮށް ކާނާ ހޯދުމުގައި އުޅެމުންދާ ކަނޑުގެ ސަރަހައްދުތަކުން ބިސް އަޅާ ސަރަހައްދަށް ކުރާ ދަތުރުތަކާއި ބެހޭ ހޯދުންތައް ހޯދިފައެވެ.

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައިވާ ޑިއެގޯ ގާސިއާގެ ގޮނޑުދޮށުގައި ބިސް އެޅުމަށް އުޅުނު 33 ވެލައެއްގައި ސެޓެލައިޓް ޓެގް ހަރުކޮށް ބިސް އެޅުމަށް ފަހު މިތަކެތި އާއްމުކޮށް ދިރިއުޅޭ ފަރުތަކަށް ދަތުރުކުރާ ރާސްތާ ވަނީ ދެނެގަނެވިފައެވެ. މިދިރާސާގައި ޓެގް ހަރުކުރެވުނު ދެ ވެލާ ވަނީ ޑިއެގޯ ގާސިއާ އަށް ބިސް އެޅުމަށް ފަހު ރާއްޖޭގެ ރަށެއްގެ ފަރުގެ ސަރަހައްދަށް ދަތުރުކޮށްފައެވެ. މި ދިރާސާ އިން ހޯދުނު އެންމެ މުހިންމު ހޯދުމަކީ ވެލާތައް ދަތުރުކުރާ އިރު ބައެއް ފަހަރު ދާން ޖެހޭ މަންޒިލު ފަހަނަޅައި މާދުރަށް އެތަކެއް ކިލޯމީޓަރަށް ދެވޭކަމެވެ. ކޮންމެވެސް ކަހަލަ އޮޅުންތަކެއް އެސޮރޮމެންގެ ނެވިގޭޝަނަށް ދިމާވެގެންނެވެ. މި ދިރާސާކުރި ސައިންސްވެރިން ބުނާގޮތުން މަންޒިލް ފަހަނަޅައި ދިޔަކަން ވެލާތަކަށް ފާހަގަވެ އަނެއްކާވެސް މިސްރާބު ބަދަލުކޮށް އަލުން މަންޒިލަށް ވާސިލްވެއެވެ. ކުރިން ބެލެވުނު ގޮތަށް އެންމެ ގާބިލް ނެތްވަކަށް ނުވިއަސް ހަމަ ކުޅަދާނަކަމާއެކު މަންޒިލަށް ވާސިލްވުމުގެ ގާބިލްކަން ހުރި ދިރުންތަކެކެވެ. ބައެއް މާހިރުން ބުނާގޮތުން ވެލާ ކަހަނބު އެއް މަންޒިލުން އަނެއް މަންޒިލަށް ދަތުރު ކުރަނީ ދުނިޔޭގެ މެގްނެޓިކް ފީލްޑްގެ އެހީގައެވެ.

ފަތާއިރު ނުވަތަ ފީނާއިރު ވެލައެއް ނުވަތަ ކަހަނބަކާ ދިމާވެއްޖެނަމަ މިކަން ހަނދާން ބަހައްޓާށެވެ. ތިޔަ އުޅެވެނީ ކުޅަދާނަ ނެތްވަކާ އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
67%
0%
0%
20%
13%
ކޮމެންޓް
26 އޮކްޓޯބަރ 2021 | އަންގާރަ 14:13
އަކުމަލް
👍👍ރަނގަޅު ވާހަކައެއް ތީ
ގުޅުންހުރި
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި
ޑްރަގް އެތެރެކުރުމުގެ ތަހުމަތުގައި ހައްޔަރުކުރި ދެމަފިރިން: ލަގެޖުން 994 ގްރާމުގެ މަސްތުވާތަކެތި އަދި އަތްދަބަހުން 1751 ޑޮލަރު ފެނުނު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި
ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަނަށް އިތުރުކުރުމަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ގެންނަން ޖެހޭ: ސައީދު
ސީޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލުކުރުމާއެކު، ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހްކޮށްފި
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު
އޭވިއޭޝަން ދާއިރާ ކުރިއަރުވައި، މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާއަށް އޭވިއޭޝަން ފޯރަމެއް ބާއްވަނީ
ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި