ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގަން އިތުރު ލޯނުތަކެއް ނަގައި ބޮލުގައި އެވަރުގެ ބޮޑު ދަރަންޏެއް އަޅަން ޖެހުނީ އެމްއެމްޕީއާރްސީން ރަށްތައް ވިއްކައިގެން ލިބުނު ފައިސާ ވަންނަން ޖެހެ އެކައުންޓުތަކަށް ނުވަނުމުން ކަމަށާއި އެ ފައިސާ ވަންނަން ޖެހޭ އެކައުންޓުތަކަށް ވަތްނަމަ އެއީ ވެސް ހަރަދުކުރެވޭނެ އެއްޗެއް ކަމަށް ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން ދައްކަން ޖެހިފާއިވާ ދަރަނީގެ އަދަދު މިހާރު 86.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސޮވެރިން ގެރެންޓީއަކާ ނުލާ 66 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޕްރޮޖެކްޓުތައް ހިންގާނެ އެއްވެސް ފައިސާއެއް ދައުލަތުގެ ބަޖެޓުގައި ނެތް ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ނަގާނެ ވާހަކަ ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދަރަންޏަށް ފައިސާ ނަގައިގެން ޕްރޮޖެކްޓުތައް ހިންގަން ފަށާނެ ކަން ކުރިންވެސް އިއުލާންކުރެއްވި ކަމަށާއި އެއީ ރައްޔިތުންނަށް ވެސް އެނގިގެން ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ފަހު ދެ އަހަރު އޭގެ ރަނގަޅު އަސަރު ބަޖެޓަށް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކަންކަން ރާވާފައި ވަނިކޮށް ކޮވިޑް-19އާ ޖެހުނު އިރު އެއްވެސް ކަމެއް ކުރެެވެން ނެތް ކަމަށާއި ދައުލަތުގައި ފައިސާ ނެތް ކަމަށެވެ. އެމްއެމްޕީއާރްސީގެ ރަށްތައް ވިއްކާލައިގެން ލިބުނު ފައިސާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެ ފައިސާ ހުރި ނަމަ ރައްޔިތުންގެ ބޭނުންތަކަށް ހަރަދުކުރާނެ އެއްޗެއް ދައުލަތުގެ ބަޖެޓުގައި އޮތީސް ކަމަށެވެ.
އެނގިވަޑައިގަންނަވާނެ އެމްއެމްޕީއާރްސީގެ ފައިސާ ވެސް އެ އެކައުންޓަށް ވަދެފަ ހުރި ނަމަ ވަރަށް ރަނގަޅުވީސް. އެއީ ތިން ބިލިއަނެއްހާ ރުފިޔާ، އެ ވެސް ނެތް ވަދެފައެއް. އެ ވެސް ހުރީ ބޭރުވެފަ. އެހެނެއް ނޫން އެ ރަށްތައް ވިއްކާފަ އެ ލިބުނު އެތިކޮޅު ވެސް ހުރި ނަމަ އަޅުގަނޑުމެންނަށް ހަރަދުކުރަން ހުރީސް. އެހެންވެގެން އިތުރަށް ދަރަނި ނަގަން މި ޖެހުނީ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ޔާމީންގެ ދައުރުގައި ނަގާފައިވާ ބައެއް ލޯނުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، 200 މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ލޯނު ވަރަށް ބޮޑު އިންޓްރަސްޓެއްގައި ނަގާފައިވާއިރު އެ ފައިސާ ވެސް މި އަންނަ އަހަރު ދައްކަން ޖެހޭ ކަމަށެވެ. އެއީ ވަރަށް ދަތިކަމަކަށް ވާނެ ކަމަށާއި، ސޮވެރިން ފަންޑަށް ޖަމާކުރަމުން އައި ފައިސާ އަކީ އެކަމަށްޓަކާ ޖަމާކުރި ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް ޖީއެމްއާރް އަށް ދައްކަން އެމްއެމްއޭއިން ވެސް 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ނަގާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަހަލަ އެތައް ކަމެއް ރައީސް ޔާމިންގެ ސަރުކާރުގައި ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ހާލަތުގައި އެ ފައިސާތައް ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންވެ މަސައްކަތްކުރައްވަނީ ލޯނުގެ މުއްދަތު އިތުރު ފަސް އަހަރަށް ލަސް ކުރެވޭތޯ ކަމަށާއި އެކަން ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ވެއްޖެ ނަމަ އެއީ ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ވެސް 150 މިލިއަން ޑޮލަރު މި މަސް ތެރޭގައި ގްރާންޓަކަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެއީ ވެސް ވަރަށް ބޮޑު ލުޔެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ށް ފަހު ރާއްޖޭގެ އިގްތިސޯދު އަނެއްކާ ވެސް މިއޮތީ ރަނގަޅުވާން ފަށާފައި ކަމަށެވެ. މިދިޔަ އަހަރު ފަހުކޮޅު އިގްތިސޯދު ރަނގަޅުވާނެ ކަމަށް ކުރިން ވިދާޅުވުމުން ބައެއް ނޫސްވެރިންގެ ފާޑުކިޔުން ވެސް އަމާޒުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އަންދާޒާ ވެސް ރަނގަޅަށް ދިޔަ ކަމަށާއި، މި އަހަރު ފަހުކޮޅާ ޖެހެންވާ އިރަށް ވެސް ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ވާނީ އިގްތިސޯދަށް ރަނގަޅު އަދި މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭ އަހަރަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.