ކޮވިޑް-19 އާއި ގުޅިގެން ކެފޭ ރެސްޓޯރެންޓް އަދި ހޮޓާތަކަށް ހެލްތު ޕްރޮޓެކްޝަން އެޖްންސީ (އެޗްޕީއޭ) އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރަމަޟާން މަހާއި ކުރިމަތިލާން ޖެހިއްޖެނަމަ ރަމަޟާން މަސް ނިމޭއިރު، ސިނާއަތުގެ 50 އިންސައްތަ ވިޔަފާރި އެއްކޮށް ބަންދުކުރަން ޖެހޭނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ވިޔަފާރި މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރެސްޓޯރެންޓް އެސޯސިއޭޝަންގެ ރައީސް ހާމިދު އަފީފް ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރަމަޟާން މަހު ވިޔަފާރިތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަމަޟާން މަހުގެ ދުވާލު ކެފޭ ރެސްޓޯރެންޓްތައް ހުންނާނީ ބަންދުކޮށްފައި ކަމަށާއި އިރުއޮއްސި 06:00ން ރޭގަނޑު 08:00ށް ޑައިނިން ސާވިސްގެ ހިދުމަތް ދެވޭއިރު، މިހާރު އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ގައިދުރުކަން ބަހައްޓައިގެން ހިދުމަތް ދެވޭނީ ރެސްޓޯރެންޓް ނުވަތަ ކެފޭ، ހޮޓާގެ 30 އިންސައްތަ ކެޕޭސިޓީއަށް ކަމަށް ހާމިދު ވިދާޅުވިއެވެ.
ދެ ގަނޑިއިރުގެ ތެރޭގައި އެގޮތަށް ހިދުމަތްދީގެން އާމްދަނީއެއް ނުލިބޭނެ ކަމަށާއި ކުލި ދައްކާނެ ފައިސާގެ އިތުރުން ކާތަކެތި ތައްޔާރުކުރަން އެބޭނުންވާ ސާމާނު ގަންނާނެ ފައިސާވެސް ނުލިބޭނެ ކަމަށް ހާމިދު ވިދާޅުވިއެވެ. އަދި އެހާ ހިސާބުން މުޅި ސިނާއަތް ކޯމާއަކަށް ދާނެ ކަމަށާއި އެކޯމާއިން ހޭއަރާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ހާމިދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް މިހާރު ރާއްޖޭގައި ފަށާފައިވާއިރު، ވެކްސިނާއި އެކު ލިބިގެންދާ ލުއިތަކުގެ ތެރެއިން ކެފޭ ރެސްޓޯރެންޓްތަކަށް ލުއި ދިނުން އެދޭ ކަމަށާއި އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިކަމަށް ހާމިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި ރެމްގެ ހުރިހާ މުވައްޒަފުން ވެކްސިން ޖަހައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާނެ ކަމުގެ ޔަގީންކަން ހާމިދު ވަނީ ދެއްވާފައެވެ.
ހާމިދު ވަނީ ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތްދޭނީ ހަމައެކަނި ވެކްސިން ޖަހާފައިވާ ކަސްޓަމަރުންނަށް ކަމަށް ކަނޑައަޅައިފި ނަމަ އާންމުންގެ ތެރެއިން ގިނަ ބަޔަކަށް ވެކްސިން ޖެހުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވާފައެވެ.
މިހާރު ރޭގަނޑު 08:00ގެ ފަހުން ކެފޭ ރެސްޓޯރެންޓް އަދި ހޮޓާ ތަކުން ޑައިނިންގެ ހިދުމަތް ނުދެވޭ އިރު، މި ވަގުތު ރޭގަނޑު 10:30ށް ހަދައިދިނުމަށް ރެމް އިން އަންނަނީ އެދެމުންނެވެ. އަދި ޑެލިވެރީގެ ހިދުމަތް ދެވޭ ގަޑި ރޭގަނޑު 10:30ން 12:00ށް ހަދައިދިނުމަށް ރެމް އިން އެދެއެވެ.