ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 05:22
ކޮވިޑަށް ޓެސްޓުކުރުން، ހެންވޭރު ދަނޑުގައި
ކޮވިޑަށް ޓެސްޓުކުރުން، ހެންވޭރު ދަނޑުގައި
ރާއްޖެއެމްވީ
ކޮވިޑުން އަރައިގަތުމަށް ކުރާ ޚަރަދުތައް
އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ސިއްޙީ ދާއިރާއަށް
ކޮވިޑުން އަރައިގަތުމަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވޭ
ސިއްހީ އަދި އިޖުތިމާއީ މަސައްކަތައް ޖުމްލަ 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ
އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގއަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައި

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ކުރާ ޚަރަދުތަކުގެ ތެރެއިން، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ކުއާޓަރލީ ކޮވިޑު-19 ސްޕެންޑިން" ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑުން އަރައިގަތުމަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ކަރަދުކޮށްފައިވަނީ ސިއްޙީ އަދި އިޖުތިމާއީ މަސައްކަތްތަކަށެވެ. މި މަސައްކަތްތަކަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

ސިއްޙީ އަދި އިޖުތިމާއީ މަސައްކަތަށް ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށެވެ. އެގޮތުން މިނިސްޓްރީގެ މަސައްކަތްތަކަށް ޖުމްލަ 892.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއަށް ޚަރަދުކޮށްފައި ވަނީ 784.3 މިލިއަން ރުފިޔާއެވެ. އަދި އައިޖީއެމްއެޗަށް 193.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީއަށް ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެލެވެންސްގެ ގޮތުގައި 106.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގައި މަސައްކަތް ކުރި ފަރާތްތަކަށް އެލެވެންސްގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 36 މިލިއަން ރުފިޔާއެވެ.

ސިއްޙީ އަދި އިޖުތިމާއީ މަސައްކަތްތަކަށް ކޮށްފައިވާ ޚަރަދުތަކުގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށެވެ. އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގއަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ 2021 ގެ ނިޔަލަށް ޚަރަދު ކޮށްފައެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގއަކީ ކޮވިޑާއި ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.

މި އަދަދުތަކަކީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި ހަމައަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފާސް ހިސާބުތަކެކެވެ.

- ކޮމެންޓް