ރާއްޖެޓީވީގެ ހިދުމަތް ހުއްޓުވުމުގެ ގޮތުން ރޭވިގެން ކުރެވުނު ކަންތައްތަކުގެ ތެރެއިން 3.7 މިލިއަން ރުފިޔާއިން ސްޓޭޝަން ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ ދައްކަން ރާއްޖެޓީވީ ދަރާހުސްވިކަމަށާއި އަދިވެސް މިދަނީ އެދަރަނި އަދާކުރަމުންކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެމްޑީ ސަލީމް މިހެން ވިދާޅުވީ 2020 ވަނަ އަހަރުގެ ރާއްޖެޓީވީ ސްޓާފް އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސަލީމް ވިދާޅުވީ ރާއްޖެޓީވީގެ ބޭނުމަކަށްވީ ހަގީގަތް ގެނަސްދިނުން ކަމަށާއި އެކަން ކުރުމުގައި ރާއްޖެޓީވީ ސާބިތުވެއޮތް ކަމަށާއި ރާއްޖެޓީވީގެ ހިދުމަތްތައް ހުއްޓުވުމަށް ގިނަ ކަންތައްތަކެއް ރާވައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.
ސަލީމް ވިދާޅުވީ ރާއްޖެޓީވީން ހަގީގަތްތައް ހާމަކުރީތީ 3.7 މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރިކަމަށާއި އެޖޫރިމަނާ އަދާ ނުކުރެވުނު ނަމަ ފަހަރުގައި ރާއްޖެޓީވީގެ ހިދުމަތް ހުއްޓުނީސް ކަމަށެވެ. އަދި އެކަން އެހެން ނުވީ ދިވެހި ރައްޔިތުންގެ ދީލަތިކަމުން ކަން ފާހަގަކުރައްވާ ސަލީމް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރާއްޖެޓީވީ އަށް އެހީތެރިވުމަށް ފަންޑަށް ފައިސާ ދެއްވި ފަރާތްތަކަށާއި ފައިސާ ހޯދައި ދިނުމަށް މަސައްކަތްކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެޓީވީ އަށް ހެޔޮއެދޭ އެތަށް ފަރާތަކުން ރާއްޖެޓީވީ އަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދުވަހަކުވެސް އެއިން ފަރާތެއްގެ ނަން ހާމަ ނުކުރުމަށް އެދި އެހީ ފޯރުކޮށްދީފައިވާ މީހުން ތިބި ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އެހެން ކަންކުރީ އެ ފަރާތްތަކުގެ ނަންތައް އެނގިއްޖެ ނަމަ ކުރިމަތިވާން އޮތް ނުރައްކަލުގެ ބޮޑު ކަމުން ކަަމަށެވެ. އަދި ޖޫރިމާނާ ދައްކަން ރާއްޖެޓީވީގެ އޮން އެއަރ ޓައިމް އެޑްވާންސްކޮށް ވިއްކި ކަމަށް ވެސް ވިދާޅުވިއެވެ.
މި ހުރިހާ ގޮންޖެހުންތަކަކާއި އެކު 10 އަހަރު ރާއްޖެޓީވީ ހޭދަކޮށްފައިވާއިރު، މި 10 އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ވެސް ސްޓޭޝަނުން ހޯދާފައިވާ ކަމަށް ސަލީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.