ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 13:14
ކޮވިޑް-19 އާއި ގުޅިގެން ފޯރުކޮށްދެންޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސް އަށް ސަރުކާރުން ވަނީ 538.9 މިލިއަން ރުފިޔާ ހަަރދުކޮށްފައި - ފޭސްބުކް
ކޮވިޑް-19 އާއި ގުޅިގެން ފޯރުކޮށްދެންޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސް އަށް ސަރުކާރުން ވަނީ 538.9 މިލިއަން ރުފިޔާ ހަަރދުކޮށްފައި - ފޭސްބުކް
ހުޅުމާލެ ހޮސްޕިޓަލް
ސަރުކާރުން ކޮވިޑް-19 އަށް ކުރާ ހަރަދު
ކޮވިޑް-19 އާއި ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 2.7 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ހަރަދުކޮށްފައި ވަނީ 1,380.6 މިލިއަން ރުފިޔާ
ކޮވިޑް-19 އާއި ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް ހަރަދުކޮށްފައި ވަނީ 1,342.6 މިލިއަން ރުފިޔާ
ކޮވިޑް-19 އަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އެންޑީއެމްއޭ މެދުވެރިކޮށް

ކޮވިޑް-19 އާއި ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 2,723.2 މިލިއަނަށް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޑިސެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1,380.6 މިލިއަން ރުފިޔާ އާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1,342.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައިވާ އިރު، އެއިދާރާއިން އެކަނިވެސް 871.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާއި ގުޅިގެން 85.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 228.2 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީ އިން ވަނީ 37.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ފޮރިން މިނިސްޓްރީ އިން 6.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޖެންޑަރ މިނިސްޓްރީ އިން ހަރަދުކޮށްފައި ވަނީ 3.4 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން 3.3 މިލިއަން ރުފިޔާއެވެ.

އެމްއެންޑީއެފް އިން 42.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ފުލުހުންގެ އިދާރާއިން ހަރަދުކޮށްފައި ވަނީ 24.3 މިލިއަން ރުފިޔާ އެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިން 1.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ހަރަދުކޮށްފައި ވަނީ 29 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްހީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސް އަށް 538.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓް އަށް 198.6 މިލިއަން ރުފިުޔާ ހަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސަރވިސަސް އަށް ހަރަދުކޮށްފައި ވަނީ 164.2 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އަށް ސަރުކާރުން ކުރި ހަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ހޭދަކޮށްފައި ވަނީ 120.1 މިލިއަން ރުފިޔާ އެވެ. ސަޕްލައިސް އަދި ރިކުއިސިޓްސް އަށް 91.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 83.7 މިލިއަން ރުފިޔާއެވެ.

ދައުލަތުން ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 164.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 894.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 556.7 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 337.6 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް