ފުރިހަމަ ޑިމޮކްރަސީ ނިޒާމެއް ހިންގުމަށްޓަކައި ތެދު ޙަޤީޤީ މައުލޫމާތު ފޯރުކޮށްދިނުން މުހިއްމު ކަމަށާއި، ރާއްޖެޓީވީން އެކަން ކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެޓީވީގެ މެނޭޖްމަންޓާއި، ނޫސްވެރިންގެ އިތުރުން، ސްޓޭޝަންގެ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރަސީ ނިޒާމެއް ހިންގުމަށްޓަކައި ތެދު ޙަޤީޤަތް ނުހަނު މުހިއްމު ކަމަށާއި، އެކަމަށްޓަކައި ރާއްޖެޓީވީން ކުރި މަސައްކަތުން، ޑިމޮކްރަސީގެ ޅަފަތުގައި އެކަމަށް މަގުފަހިވެ، ޑިމޮކްރަސީ ވަރުގަދަވެގެން ދިޔަ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި ރާއްޖެޓީވީއަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، ރާއްޖެޓީވީން ގެންދިޔައީ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެޓީވީއަށް އަމާޒުކޮށް ޓެރަރިޒަމްގެ ބޮޑެތި އަމަލުތަކެއް ހިންގައި، ސްޓޭޝަންގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން އަނިޔާއާއި ފިއްތުންތައް ކުރިމަތި ކުރުވަމުން ގެންދިޔައިރުވެސް، ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކެނޑުމެއް ނެތި ވަނީ ގެނެސްދީފައެވެ.
ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތުގައި އެތައް ޖޫރިމަނާއަކާއި ގެއްލުންތަކެއްވެސް ސްޓޭޝަނަށް ލިބިފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެކަންކަމަށް އިންސާފު ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް، ރައީސް ސޯލިޙުގެ ސަރުކާރު އައުމަށްފަހު، ނޫސްވެރިންނަށް މިނިވަން ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގައިވެސް މިއަދު ޜާއްޖެ ވަނީ ނިސްބަތުން އެތައް ގުނައަކަށް ކުރިއަށް ގޮސްފައެވެ.