ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ބިޑު ކުރުމަށް ހުޅުވާލި 6 ރަށުގެ ތެރެއިން ބ އަތޮޅު މާއްދޫ ދަނޑުވެރިކަމަށް ދޫ ނުކުރުމަށް ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ބ މާއްދޫ ދަނޑުވެރިކަމަށް ދޫ ނުކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އަދި އެގޮތަށް ނިންމެވީ އެ އަތޮޅުގައި ރަށްތައް މަދުވެފައި، މިހާރުވެސް އެ އަތޮޅުގައި ދަނޑުވެރިކަން ކުރަން ދިގު މުއްދަތަށް ރަށްތައް ދޫކުރެވިފައި ހުރުމުންކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
ސަރުކާރުން ނިންމަވާނީ ދެއްތޯ، އެއީ އެ އަތޮޅުގައި ރަށްތައް މަދުވެފައި، މިހާރުވެސް ހަތަރު ވަރަކަށް ރަށް އެބައޮތް ދެއްތޯ ދަނޑުވެރިކަމަށް ދެވިފައި ދިގު މުއްދަތަށްފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު
މީގެ ކުރިން މިނިސްޓްރީން ވަނީ ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި 6 ރަށަށް ބިޑް ހުށަހަޅަންޖެހޭ ތާރީޚަކީ 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00 ކަމަށް ކަނޑައަޅާފައެވެ. އަދި މިކަމާއި ގުޅޭގޮތުން ޕްރީބިޑް މީޓިންގ ބާއްވާފައިވަނީ 25 ނޮވެމްބަރުގަ އެވެ.
ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ފުރަތަމަ ނިންމި ހަ ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.
މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެ އެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލް ވެސް އެ ފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.