ރާއްޖެއިން ޗައިނާ އަށް ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ދެ އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ރާއްޖެ އިހްތިރާމްކުރާ ގުޅެއްމެއް ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ލޯނުތަކުގެ މައްސަލަ ހައްލުނުކޮށް ތިބެވެން ނެތް ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަށް ލޯނުތަކުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.
އަދި ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ދެ އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ނުލިބެއްޖެ ނަމަ ދުވަހަކުވެސް ލޯނުތައް ނުދެއްކޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިމޭރުމުން ޓުވީޓް ކުރައްވާފައި މިވަނީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާއި ގުޅޭގޮތުން ޗައިނާގެ ސަފީރު އެންމެ ފަހުން ކުރައްވާފައިވާ ޓްވީޓަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ޗައިނާގެ ސަފީރު ވަނީ ރާއްޖެ އިން ޗައިނާއަށް މިއަހަރު 1،719،535 (އެއް މިލިއަން ހަތްލައްކަ ނަވާރަހާސް ފައްސަތޭކަ ތިރީސް ފަސް) ޑޮލަރު ދައްކަން ޖެހޭނެކަމަށް ޓުވީޓްކުރައްވާފައެވެ. އަދި ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކޮށްފައިވާ 1530 ހައުސިން ޔުނިޓަށް ދައްކަން ޖެހޭ 2،375،000 (ދެމިލިއަން ތިންލައްކަ ހަތްދިހަ ފަސްހާސް) ޑޮލަރަކީ ތިން ވަނަ ގައުމެއްގެ ބޭންކަށް ދައްކަންޖެހޭ ލޯނެއް ކަމަށާއި ސީޑީބީގެ ލޯނެއް ނޫން ކަމަށްވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާ އަކީ ރާއްޖެއިން އެންމެ ބޮޑު އަދަދެއްގެ ލޯން ދައްކަންޖެހޭ ގައުމަށް ވާއިރު، ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަކުން ދައްކާ ގޮތުން އެއީ ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 38 އިންސައްތައެވެ. ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރު ނުވަތަ 21.6 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ.