ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް އިތުރުވަމުންދާ ކަމަށާއި އާންމު ރައްޔިތުން އެއަރޕޯޓަށް ގޮސް ނުހެދުމަށް ވީއައިއޭ އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން ވީއައިއޭގެ ޓަރމިނަލް އޮޕަރޭޝަންސް މެނޭޖަރ އިބްރާހިމް ހުސެން ވިދާޅުވީ، މިހާރު އެއަރޕޯޓަށް އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަސެންޖަރުންގެ އަދަދާއި ރާއްޖެ އިން ފުރަންދާ ފަސެންޖަރުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް ހުސެން ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތްތާގައި ދުވާލެއްގެ މައްޗަށް އިންޓަނޭޝަނަލް ދަތުރުތަކުން 3،000 އަށް ވުރެ ގިނަ ފަސެންޖަރުން ރާއްޖެ އަންނާނެ ކަމަށާއި ހަމަ އެއަދަދަށް ފަސެންޖަރުން ފުރާނެކަމަށް ލަފާކުރެވޭ ކަމަށް ހުސެން ފާހަގަކުރެއްވި އެވެ. އަދި ޑޮމެސްޓިކް ޓާމިނަލްގައިވެސް 1500 ފަސިންޖަރުން ކޮންމެ ދުވަހެއްގައި ފުރައި 1500 ފަސެންޖަރުން އަންނާނެކަމަށް ލަފާކުރެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ އެއަރޕޯޓްގެ މޫމެންޓްތައް އިތުރު ދުވަސްތަކަކަށް ކަމަށް ހުސެން ވިދާޅުވި އެވެ.
ހުސެން ވިދާޅުވީ އެއަރޕޯޓަށް މީހުން ފުރުވަށް އަދި ރިސީވްކުރަން އަންނަ އާންމުންގެ އަދަދު މަދުކުރަން އިލްތިމާސްކުރާ ކަމަށާއި، މިހާރު ލަފާކޮށްފައިވާ ގޮތަށް އެއަރޕޯޓަށް ކޮންމެ ދުވަހު 9،000 އެއްހާ ފަސެންޖަރުން އައިސް ގޮސް އުޅޭއިރު، އާންމުންގެ ގިނަ ބަޔަކު އެއަރޕޯޓަށް އައުމަކީ އެންމެ ރައްކާތެރި ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެން ކަމުން ކޮންމެ ފަސެންޖަރަކާއި އެކުވެސް ގިނަ ވެގެން އާންމުންގެ އެކަކު އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކުރެ އެވެ.
ކޮވިޑް-19 އާއި އެކު ރާއްޖޭގެ މައި އެއަރޕޯޓަށް ފަޅުކަމެއް އައި ނަމަވެސް މިހާރު އެއަރޕޯޓްގެ ހަރަކާތްތައް ދަނީ މަޑު މަޑުން އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތްތާގައި އެއަރޕޯޓަށް ކުރާ ދަތުރުތަށް އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.