ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 14:53
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސް އޮފީސް
އިންސާނީ ޙައްޤުތަކާ ބެހޭ ދުވަސް
ކޮވިޑާ ގުޅިގެން ކުރާ މަސައްކަތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެން: ރައީސް
ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް ހަމަހަމަކަމަށް އިސްކަން ދިން
ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދޭނެ
މި މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި

މި ސަރުކާރުން ކޮވިޑާ ގުޅިގެން ކުރާ މަސައްކަތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބެއްގައި ރައީސް ސޯލިޙު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން އައިސްފައިވަނީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. އެގޮތުން ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހި ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން އަންނަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިއްބައިދިނުމަށް ސަރުކާރުން އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިޙު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމަށެވެ.

ޚާއްޞަ ގޮތެއްގައި، ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، ދިރިއުޅުން އަލުން އާރާސްތު ކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ޢާއިލާތަކަށާއި މުޖުތަމަޢަށް ކުރިމަތިވެފައިވާ، ޞިއްޙީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޮވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް