ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ކާރެއްގެ ޑިކީން ހޯދި 72 ކިލޯ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނެއްކަން ފާހަގަކޮށް ފުލުހުން ބުނީ، އެ މައުލޫމާތު ލިބުމާއެކު ފުލުހުން ދިޔައީ ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މިގޮތުން ހަރަކާތްތެރި ވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހު މާލެއަށް އެތެރެ ކޮށްފައިވާކަމުގެ މައުލޫމާތު ލިބުނުކަން ފުލުހުން ފާހަގަ ކުރިއެވެ. އެއަށްފަހު މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާ ފައިވަނިކޮށް ފުލުހުން ހޯދާފައިވާއިރު، މި އޮޕަރޭޝަނުގައި ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަން ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި އެ 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައި ފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި، ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި، ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންކަން ފުލުހުން ފާހަގަ ކުރެއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން:
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ)
- ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ)
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު (38އ)
- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަޙްމަދު (37އ)
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް (27އ)
- ރ. އިނގުރައިދޫ / އެލެސްކާ، ޢަބްދުﷲ ވިޝާމް (26އ)
- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުޙައްމަދު ޝަރީފް (34އ)
- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން (33އ)
- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީޙު (35އ)
- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން (30އ)
މިމައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރު ކޮށްފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި، ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.