ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 14:02
ފިޝަރީޒް މިނިސްޓަރ ޒަޙާ ވަޙީދު
ފިޝަރީޒް މިނިސްޓަރ ޒަޙާ ވަޙީދު
ޔޫސުފް ސޮފްވާން ރަޝީދު
މަސްވެރިންގެ ދުވަސް 2020
މަސްވެރިންގެ ޝަކުވާތަކުގެ އަޑު މި ސަރުކާރުން އަހާނެ، ޙައްލުވެސް ހޯދައިދޭނެ: މިނިސްޓަރ ޒަހާ
ފޯރަމްގެ މަޤްސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ދަތިތައް ޙައްލު ކުރުން
ސިނާއަތް ކުރިއެރުވުމާ ގުޅޭގޮތުން ކަމާގުޅޭ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވާނެ
މިނިސްޓަރ ވަނީ މަސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ތައުރީފް ކުރައްވާފަ

މަސްވެރިންގެ ޝަކުވާތަކުގެ އަޑު މި ސަރުކާރުން އަހާނެ ކަމަށާއި، އެކަންކަމަށް ޙައްލުވެސް ހޯދައިދޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަޙާ ވަޙީދު ވިދާޅުވެއްޖެއެވެ.

40 ވަނަ މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހު ވަރޗުއަލްކޮށް ކުރިއަށްދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ފޯރަމްގެ މަޤްސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ދަތިތައް ޙައްލު ކުރުމާއި، މި ސިނާއަތް ކުރިއެރުވުމާ ގުޅޭގޮތުން ކަމާގުޅޭ މަސްއޫލުވެރިންނާ މަޝްވަރާ ކުރުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި މި ފޯރަމް މެދުވެރިކޮށް ފާޅުކުރާ ހިޔާލާއި މަޝްވަރާތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ޤަބޫލު ކުރައްވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މަސް ޕްރޮސެސްކޮށް އެކްސްޕޯރޓް ކުރުމާއި، މަސް ބޭނުމަށްފަހު ވިއްކުމަށް ކިއޫގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަންޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، އައިސް ލިބުމުގައި ހުރި ދަތިތަކާއި، އެކްސްޕޯރޓް މަރުޙަލާގައި ނަގާ ފީތަށް ވާދަވެރި އެހެން ޤައުމުތަކާ އަޅާބަލާއިރު ގިނަ ކަންވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ޙައްޤު މަޤާމު ބޭރުގެ ސިނާއަތްތަކުގައި ޤާއިމުވެފައި ނެތުމުން، މި ސިނާއަތުގައި އުޅޭ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުމަށްވެސް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރ ވަނީ މި ހުރިހާ ދަތިތަކާއެކުވެސް މަސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ތައުރީފް ކުރައްވާފައެވެ.

މިކަންކަމަށް ނަޒަރު ހިންގާއިރު މިވަގުތުވެސް އުތުރުގެ މަސްވެރިން ބާނާ މަސް ކިރުވުމުގައި ވަނީ ބޮޑެތި ދަތިތަކަށް ކުރިމަތިވެފައި، ފެލިވަރުގައި ކިއޫގައި މިވަގުތުވެސް 50 ދޯނި 712 ޓަނު މަސް އެބަހުރި، މިފްކޯގެ މޫވެބަލް ހުރިޙާ އެސެޓެއް އުތުރަށް ބަދަލު ކޮށްގެންވެސް ފެލިވަރުން މިވަގުތަށް ދުވާލަކަށް ގަނެވެނީ ގާތްގަނޑަކަށް 150 ޓަނުގެ މަސް،
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު

މި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ސެޕްޓެމްބަރު މަހު ފާސް ކުރެވުނު އައު މަސްވެރިކަމުގެ ޤާނޫނާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ސިނާއަތް ރާވައި ހިންގުމުގައި ކަމާގުޅޭ މަސްއޫލުވެރިންގެ ބައިވެރިވުން ހިމެނޭކަން ޔަޤީން ކުރުމަށްވެސް މި ޤާނޫނަކީ މުހިއްމު ބިންގަލެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ޤާނޫނީ ބާރު ލިބިގެން ވަށައިޖެހޭ ނިޒާމެއްގެ ދަށުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި އަހަރު ކޮވިޑް 19 ގެ ޙާލަތުގައި މިނިވަންކަމާއެކު ޝުއޫރު ފާޅު ކުރައްވައި މަޝްވަރާ ކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

- ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 17:13
ހަބީބު
ޗަކަކަކަޗާ އިސްތިޔު ފާ ނުދޭނަން ވޯޓެއް