ބޮޑުކަންނެލި މަސްވެރިންގެ ފަރާތުން ކުރިއަށް ގެންދިޔަ ސުލްޙަވެރި ދޯނި ބުރުގައި 70 ދޯނި ބައިވެރިވެއްޖެއެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ގެންދަންފެށި މި ދޯނި ބުރު އިންތިޒާމު ކުރާ ފަރާތްތަކުން ރާއްޖެއެމްވީއަށް މައުލޫމާދު ދިން ގޮތުގައި މިހާތަނަށް 70 ދޯނިން މި ޙަރަކާތުގައި ބައިވެރިވެފައިވެއެވެ. އަދި މިވަގުތު ކުރިއަށްދަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ އިފްތިތާހީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިހާބު ކުރުން ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އެގޮތުން ބީކޭއެމްޔޫގެ ރައީސާއި، ނައިބްރައީސްގެ އިތުރުން އާންމު މެމްބަރުން އިންތިޚާބު ކުރުން މި ޙަރަކާތުގެ ތެރެއިން ކުރިއަށް ދެއެވެ.
ގުޅީފަޅުގައި ކުރިއަށް ގެންދާ މި ޙަރަކާތުގައި މިވަގުތު ކުރިއަށް ދަނީ މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންނަށް ވޯޓު ލުމުގެ ކަންކަން ކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ޖަމިއްޔާގެ، އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމިޓީ އިންތިހާބު ކުރުމާއި، ހިންގާ ގަވާއިދު ފާސްކުރުން ބުރާސްފަތި ދުވަހަށް ތާވަލުކުރީ ކޮވިޑް-19ގެ ސަބަބުން އިންތިޚާބު ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުންދިއުމާއި، ޖަމިއްޔާގެ ހަގީގީ މަގުސަދުގައި މަސައްކަތްތަށް ކުރުމާއި، ހިންގުމާއި ގުޅިފައިވާ އެންމެހައި ދަތި އުދަނގޫތަކުގެ ސަބަބުން މެންބަރުންގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، މަސްވެރިންގެ ކަންބޮޑުވުންތައް ހުރިކަން އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. އެގޮތުން ބާނާ މަސްކޮޅު ނުކުރުމާއި، ކިރަން އެތަށް ދުވަހެއް ނެގުމާއި، ކުރާ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމުގެ މައްސަލަ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. އެއާއެކު މި ޙަރަކާތަކީ މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ.