ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 10:58
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
މަސްވެރިންގެ ދުވަސް 2020
މަސްވެރިންގެ ދުވަހު ރައީސް ދެއްވި ޚިތާބުގައި މަސްވެރިންނަށް ބިޔަ ބޮޑު ވައުދުފުޅުތަކެއް!
މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެ
މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ
މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ

މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިޙު ނެރުއްވި ޚިތާބުގައި ވިދާޅުވީ، ކޮވިޑްގެ ފުރަބަންދު ތެރޭގައިވެސް ރާއްޖޭގެ އިޤްތިސާދު މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ މަސްވެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު މިހާރު ޖެހިއްޖެކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމަށާއި، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައިވާއިރު، މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ.

މީގެ 40 އަހަރު ކުރިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށީ، ވަރަށް މުހިންމު މަޤްޞަދެއްގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަސްވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި މަސްވެރިންގެ ޤަދަރާއި ޢިއްޒަތް ހިފެހެއްޓުމަށް ކަމަށެވެ. ހަމައެފަދައިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްޞާ އިތުރުކުރުމަށްޓަކައި، މަސްވެރިންނަށް ހިތްވަރުދީ، މަސްވެރިކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 23:14
ޔާރު
ކަންނެލި މަސްވެރިންގެ ވާހަކަ ނުދައްކަނީ ކީއްވެހޭ ހަމަ އެކަނިކަނޑު މަސް ބާނާ މީހުންގެ ވާހަކަ ދައްކަނީ އެމީހުން ކުރާ ބުރަމަސައްކަތް ގެ އަގު ވަޒަން ނުކުރެވެނީ ކީއްވެ އެމީހުން ރެޔާދުވާލު ލޯބޯ ފިއްސާގެން އަނބިދަރިންނަށް ކާންދޭން އެކުރާ މަސައްކަތް އަގު ވަޒަން ނުކުރެވެނީތޯ ކޮބާތޯ އެމީހުންގެ ހައްގު މިންވަރު ކަންނެލި މަހުގެ އަގެއް ނެއް ކިހިނެއްތޯ 25 ރުފިޔާ އައް މަސް ވިއްކާގެން ދެކޮޅު ޖައްސާނީ ކިހިނެއްތޯ އަޅުގަނޑު މެންގެ އަނބިދަރިން ކައިގެން އުޅޭނީ މީތޯ ހައްގު މިންރު ތޯ
10 ޑިސެންބަރ 2020 | ބުރާސްފަތި 22:49
ޔަނާ
ބބބބބބބ ،މީގާ މިދައްކަނީ ކަނޑުމަސްބާނާ މީހުންގެ ވާހަކަ ކަންނެލި މީހުންގެ ވާހަކަ ނުދައްކާ ކޮބާތޯ އިންސާފަކީ
10 ޑިސެންބަރ 2020 | ބުރާސްފަތި 17:22
ޙަބީބު.
ކޮބާރިސޯޓު މުވައްޒަ ފުންގެ 10.000 ރު ފިޔާ ވައުދުވާންވީނު ތިޔައީ މަކަރު ވެރިޔެއް