މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ޒުވާން މަސްވެރިންގެ ކިބައިން ކުރައްވާ އުއްމީދު ބޮޑުކަން ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ފާހަގަ ކުރައްވައިފިއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިދާ ބޮޑު ގޮތެއްގައި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ކުރުމުގެ ގޮތުން ޒުވާން މަސްވެރިންނާއި، ޓޫރިޒަމް ސެކްޓަރާއި އެކު މަސައްކަތްކޮށް އެކަން ކާމިޔާބު ކުރެވުމަކީ އެމަނިކުފާނު ކުރައްވާ ފޮނި އުއްމީދެއް ކަމަށެވެ. އަދި އެކަމަށްޓަކައި ޒުވާން މަސްވެރިޔާ ހަސަން ސާޖިން އާއެކު ކުރެއްވި މަޝްވަރާއަކީ އެކަމުގެ ރަނގަޅު ފެށުމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ މައުސޫމާއެކު ކުރެއްވި މަޝްވަރާއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސާޖިން ބުނީ، މިނިސްޓަރ އާ އެކު މަޝްވަރާ ކުރެވުނީ "ފިޝިންގ ޓޫރިޒަމް" ފުޅާ ކުރުމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިކަން ކުރާއިރު، ފަތުރުވެރިންނަށް އެ މަންޒަރުތައް ދައްކައި ޕްރޮމޯޓް ކުރުމުގެ ކަންކަން ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ސާޖިން ބުނެއެވެ.
ޒުވާނުން މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ އިޤްތިސާދީ ބޮޑެތި ސިނާއަތްތަކުގައި ބައިވެރިވެ އުޅުމަށް މި ސަރުކާރުން ބާރުއަޅާއިރު، މި ދާއިރާތަކުގައި ޒުވާނުންގެ ހިއްސާ އިތުރު ކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުވެސް ވަނީ މަސްވެރިންނަށް އުފާވެރި މެސެޖުފުޅެއް ދެއްވާފައެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިޙު ނެރުއްވި ޚިތާބުގައިވެސް ވަނީ އަންނަ އަހަރު މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް ސަރުކާރުން ކުރާނެ ކަންކަމުގެ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.