ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 21:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ކޮރަޕްޝަން ޕޯޓަލްއަށް ހުށައެޅޭ މައްސަލަތައް
ޕޯރޓަލްއަށް ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި: ރައީސް ސޯލިހް
ނޮވެންބަރު މަހުގެ ކޮރަޕްޝަން ޕޯރޓަލްއަށް 1081 މައްސަލައެއް ވަނީ ހުށައަޅާފައި
ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ 209 މައްސަލައެއް ނޮވެންބަރު މަހުގެ ނިޔަލަށް އޭސީސީއަށް ވަނީ ފޮނުވާފައި
51 މައްސަލައެއް އޭސީސީއިން ބަލައިގެންފައި

އެންޓި ކޮރަޕްޝަން ޕޯޓަލްއަށް ހުށައެޅޭ މައްސަލަތުގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާއަކަށް ނިސްބަތްވާ މައްސަލަތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ގާއިމްކުރި ޕޯރޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުން ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭކަމަށެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން "ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020" އަށް ރައީސް ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ، މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަަށާއި އަދި މިނިވަން މުއައްސަސާތަކަށާއި، ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން އެމް.އެން.ޑީ.އެފަށާއި، ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައްވެސް ޕޯޓަލްއަށް ހުށައެޅިފައިވާކަމަށެވެ.

މީގެ ތެރޭގައި ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، ގެންދަނީ ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުން ކަމަށާއި އެފަދަ 209 މައްސަލައެއް ނޮވެންބަރު މަހުގެ ނިޔަލަށް އޭސީސީއަށް ފޮނުވާފައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން 51 މައްސަލައެއް އޭސީސީއިން ބަލައިގެންފައިވާކަމަށެވެ. ރައީސް ވިދާޅުވީ ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް މިގެންދަނީ ފުލުހުންނާ ހިއްސާކުރަމުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތައް އެބަހުރިކަމަށެވެ. އެގޮތުން އެއް ކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތް ގޮތްކަމަށާއި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރި ގޮތެވެ. އަދި ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރެވޭ ގޮތާއި ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައު ގޮތްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ޤަބޫލުކުރެވިފައި އޮންނަނީ، އެކަމެއް ޙާޞިލްކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި މިއީ، މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ސަގާފަތެއްކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުމެވެ.

ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރިކަމަށް ރައީސް ފާހަގަކުރައްވާފައިވާއިރު، މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުމަކީ މިސަރުކާރުގެ މުހިންމު މަސައްކަތެއް ކަމަށާއި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި، އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ވަރަށް މުހިންމު މަގްސަދެއްކަމަށް ފާހަގަކުރައްވާފައެވެ.

- ކޮމެންޓް