ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 15:13
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައިރުގެ މަންޒަރެއް
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައިރުގެ މަންޒަރެއް
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިޚާބު
ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހުންނަށް ފާޅުގައި ދެކޮޅު ހެދުމަށް އޭސީސީން އެދިއްޖެ
މިއީ ޤައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މުހިންމު އިންތިޚާބެއް
ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަކީ ލިބިދީފައިވާ އަސާސީ ޙައްޤެއް
ކޮރަޕްޝަން ހިންގާނަމަ ޤާނޫނީ އިމުގެތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހުންނަށް ފާޅުގައި ދެކޮޅު ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެ އެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ދެއްވި ޚިތާބެއްގައި ވިދާޅުވީ، ކުރިއަށް އޮތް އަހަރަކީ، ނަޒާހަތްތެރިކަން އިސްކޮށް މުހިންމު ނިންމުމެއް ނިންމަންޖެހޭ އާންމު އިންތިޚާބެއް އޮތް އަހަރެއް ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބަކީ ލާމަރުކަޒީ އުސޫލުން ޤައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިޚާބެއްކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ.

ވޯޓު ދިނުމުގައި ރިޝްވަތުގެ ޢަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ޝިއުނާ ވިދާޅުވީ، އޭޝިއާގެ ޤައުމުތަކުގައި ކޮންމެ 7 މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުޢާމަލާތް ހިންގާފައިވާ މީހެއް ކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އާންމުކުރި ދިރާސާއަކުން ދައްކާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުޢާމަލާތް ހިންގާ މީހުންކަމަށް ބުނެފައިވާކަން ޝިއުނާގެ ޚިތާބުގައި ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަންދޫބުން ޢައްޔަނު ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫންކަން ފާހަގަ ކުރައްވައި ޝިއުނާ ވިދާޅުވީ، އެއީ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށްވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަން ޖެހޭކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، އެގޮތަށް ޢަމަލު ނުކުރެވޭނަމަ، އިންތިޚާބު ކުރެވޭ މީހަކީ، މަދު ބައެއްގެ ބާރުވެރިކަމުގައި ކަންކަން ނިންމާ މީހަކަށް ވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހުއްޓުވައި، ޤާނޫނީ އިމުގެތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުންކަން ފާހަގަ ކުރައްވައި ޝިއުނާ ވަނީ މިކަމާމެދު ކެނޑިޑޭޓުންނާއި ވޯޓު ދޭންތިބި އާންމު މީހާވެސް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

- ކޮމެންޓް
9 ޑިސެންބަރ 2020 | ބުދަ 18:35
ާޞޔމ
ކޮރަޕްޝަނާ އެކު މިހާރު އެ ތިއްބެވި ބޭފުޅުން ނަށް ހައްދަވާނެ ގޮތަކާމެދު ނުވިސްނަވަނީ ތޯ އެވެ.
9 ޑިސެންބަރ 2020 | ބުދަ 17:32
މެންބަރ
މަޖްލީހުގަ އެންމެ ގިނަވާނީ ވިއަފާރި އުސޫލުން ވޯޓް ވިއްކާމެންބަރުން ވޮވެނީވެސް ވޯޓް ގަނެގެން