ތިނަދޫ "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހަކު ނިޔާވެއްޖެއެވެ.
ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑު 12:34 ގައި ދޯނީގައި ހުރި ގޭސްފުޅިއެއް ލީކުވެގެން ހިނގި މި ހާދިސާގައި މަރުވި ދެވަނަ މީހާ ނިޔާވީ ޑިސެމްބަރ ހަތް ވަނަ ދުވަހުއެވެ. މި ހާދިސާގައި ފިހިގެން ނިޔާވި ފުރަތަމަ މީހާ ނިޔާވީ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ.
އެގޮތުން އެ މީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާކަމަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ. އަދި ހޯމަ ދުވަހު މަރުވި މީހާގެ ހަށިގަނޑުގެ 45 އިންސައްތަ ފިހިފައިވާކަމަށް މައުލޫމާތު ލިބޭއިރު، އޭނާއަކީ އިތުރު ފަރުވާއަށް މާލެ ގެނެވުނު މީހެކެވެ.
ރާސްތާ ދޯނީގެ މިހާދިސާއާއި ގުޅިގެން މަރުވި ދެ މީހުންނަކީ ތިނަދޫއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ހާދިސާގައި ޖުމްލަ ހަތަރު މީހަކު ވަނީ ފިހިފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނެއް ދެ މީހުންގެ ހާލު ރަނގަޅެވެ.